ސަލާމަތީ ގޮތުން ނުރައްކާތަކެއް ކުރިމަތިވަމުން އަންނަ ކަމުގެ ބިރަށްޓަކައި، ޔަމަނު ހަނގުރާމައިގެ މައިދާން ދޫކޮށް އެކުވެރި އަރަބި އިމާރާތް (ޔޫ.އޭ.އީ)އިން ފަހަތަށް ޖެހެން ފަށާފައިވާކަމަށް ހުޅަނގުގެ ޑިޕްލޮމެޓިކް މަސްދަރުތަކަކުން ބުނެފިއެވެ.
އެމެރިކާއާއި އީރާނުގެ ގުޅުން އިންތިހާއަށް ނުތަނަވަސްވެ، މެދުއިރުމަތީގައި އިތުރު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އިންތިހާއަށް ބޮޑުވެފައި އޮތުމުގެ ސަބަބުން ޔަމަނު ހަނގުރާމައިން ޔޫ.އޭ.އީ ފަހަތަށް ޖެހެމުންދާކަމުގެ ޚަބަރުތައް ފެންމަތިވެފައި ވާއިރު، ޔޫ.އޭ.އީއަކީ ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ސައުދީގެ އަސްކަރީ ކޯލިޝަންގެ އެންމެ އިސް އެއް ބައިވެރިޔާއެވެ.
އީރާނުގެ އެއްބާރުލުމާއެކު ޔަމަނުގައި ހަނގުރާމަކުރަމުންދާ ހޫތީންނާ ދެކޮޅަށް ސައުދީގެ އަސްކަރީ ކޯލިޝަނުން ކުރަމުންދާ ހަނގުރާމައިން ޔޫ.އޭ.އީ ފަހަތަށް ޖެހެން ފަށާފައިވާއިރު، ޔަމަނުގައި ހަނގުރާމަ ކުރަމުންދިޔަ ޔޫ.އޭ.އީގެ އަސްކަރީ ފައުޖުތައްވެސް އެގައުމުން ބާލަމުންދާކަމަށް ޑިޕްލޮމެޓިކް މަސްދަރުތަކުން ވަނީ ބުނެފައެވެ.
މި ވާހަކަތަކާ ގުޅިގެން ޔޫ.އޭ.އީގެ އޮފިޝަލަކު ވިދާޅުވީ، ޔަމަނުން އަސްކަރީ ފައުޖުތައް ބާލާ ވާހަކައަކީ ތެދު ވާހަކަތަކެއް ކަމަށާ، ނަމަވެސް އޭގެ މާނައަކީ އެގައުމުން ޔަމަނު ހަނގުރާމަ ދޫކޮށް، އަސްކަރިއްޔާ މުޅިން ބޭލުން ނޫންކަމަށެވެ. އަދި ހުސްކަމެއްގެ ތެރެއަށް ޔަމަނު ދޫކޮށްނުލާނެ ކަމަށާ، ޔޫ.އޭ.އީ.އަކީ އަދިވެސް އަސްކަރީ ކޯލިޝަންގެ މެމްބަރެއް ކަމަށްވެސް އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.
ޔަމަނުން އަސްކަރީ ފައުޖުތައް ބަލާނީ އީރާނާ އެމެރިކާގެ ހަނގުރާމައެއް ފެށި، ސަރަހައްދީ ގޮތުން ނުތަނަވަސްކަމެއް ކުރިމަތިވެދާނެ ހާލަތެއް މެދުވެރިވެދާނެތީތޯ މީޑިއާއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޔޫ.އޭ.އީގެ އޮފިޝަލު ވިދާޅުވީ، މިއީ ޔަމަނުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެކުލާވާލާފައިވާ އެއްބަސްވުމަށް ކިޔަމަންވުމުގެ ގޮތުން ޔޫ.އޭ.އީއިން އެޅި ފިޔަވަޅެއް ކަމަށެވެ.
ސައުދީ އިސްވެއޮވެ ހޫތީންނާ ދެކޮޅަށް ޔަމަނުގައި ކުރަމުންދާ ހަނގުރާމާގައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، އެތައް މިލިއަން ބަޔަކަށް ވަނީ ދުނިޔެ ދުށް އެންމެ ހިތްދަތި އިންސާނީ ކާރިސާއެއްގެ ތެރޭގައި އުޅެން މަޖުބޫރުވެފައެވެ.