ފަސްރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލު ކުރުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

އެގޮތުން މިއަދު ހޮސްޕިޓަލަށް ބަދަލުކުރަން ނިންމާފައިވާ ތަންތަނަކީ ގދ. ގައްދޫ ސިއްހީ މަރުކަޒާއި، ތ. ތިމަރަފުށީގެ ސިއްހީ މަރުކަޒާއި، އދ. މާމިގިލި ސިއްހީ މަރުކަޒާއި، ޅ. ހިންނަވަރުގެ ސިއްހީ މަރުކަޒުގެ އިތުރުން ހއ. އިހަވަންދޫ ސިއްހީ މަރުކަޒެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ސިއްހީ މަރުކަޒުތައް ހޮސްޕިޓަލަށް ބަދަލު ކުރުމުން އެތަނުން ދޭ ފަރުވާތައް އިހުނަށް ވުރެން ގިނަވެގެން ދާނެ ކަމަށެވެ. އެގޮތުން، ދަތުގެ ފަރުވާ އާއި، އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި، ކުޑަކުދިންގެ ހާއްސަ ޑަކްޓަރުންގެ އިތުރުން ފިޒިއޮތެރަޕީ ގެ ހިދުމަތްވެސް އެ ހޮސްޕިޓަލް ތަކުން ލިބެން ހުންނާނެއެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ރަށްރަށުގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓާ ތަކަށް ބަދަލް ކުރެވުމާއެކު ކުދި އޮޕަރޭޝަން ކުރެވޭނެ އިންތިޒާމް އެ ހޮސްޕިޓާ ތަކުގައި ގާއިމް ކުރެވިގެން ދާނެ ކަމަށެވެ. މީގެ އިތުރުން އެމަޖަންސީ ފަރުވާދޭ ކޮޓަރިއަކާއި، އައިސީޔޫއަކާއި ތުއްތު ކުދިންނަށް ހާއްސަ އައިސީޔޫ އެއް އެ ހޮސްޕިޓަލް ތަކުގައި ގާއިމް ކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން އަދި އެކްސްރޭގެ ހިދުމަތާއި ވިއްސާ ކޮޓަރިއަކާއި އަލްޓްރާ ސައުންޑް ސްކޭނުގެ ހިދުމަތްތައް ވެސް އެތަންތަނުން ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށް މިނިިސްޓްރީން ބުނެ އެވެ.