މަޝްހޫރު މިއުޒިކް ބޭންޑް "ދަ ބީޓްލްސް"ގެ ވާހަކަތަކެއް ހިމަނައިގެން ކުޅަދާނަ ޑައިރެކްޓާ ޑެނީ ބޮއިލް ތައްޔާރުކުރާ ފިލްމް "ޔެސްޓަޑޭ"އިން، ލަވަކިއުންތެރިޔާ އަދި މިއުޒީޝަން އެޑް ޝީރަންއަށް ފުރުސަތު ދީފައިވާއިރު، އެއީ އޭނާގެ ފުރަތަމަ ޗޮއިސް ނޫންކަމަށް ޑެނީ ބޮއިލް ބުނެފިއެވެ.

ފިލްމް "ޔެސްޓަޑޭ"ގެ ވާހަކަ ބިނާވެގެންދަނީ ދަ ބީޓްލްސްގެ މަތިން މީހުން ހަނދާން ނެތިގެން އުޅޭ ދުނިޔެއެއްގައެވެ. ފިލްމުގެ ލީޑުން ފެނިގެންދަނީ ހިމޭޝް ޕަޓޭލްކަމަށްވާއިރު، އެޑް ޝީރަން ހަރަކާތްތެރިވަނީ ހަމަ އެޑް ޝީރަންގެ ގޮތުގައެވެ.

ޑައިރެކްޓަ ޑެނީ ބޮއިލް ބުނި ގޮތުގައި އެ ރޯލަށް އޭނާ އެންމެ ފުރަތަމަ ނަގަން ބޭނުންވީ ކޯލްޑް ޕްލޭގެ ތަރި ކްރިސް މާޓިންއެވެ. ނަމަވެސް ކްރިސް މާޓީން ނުލިބުމުން އެ ރޯލަށް އެޑް ޝީރަން ހަމަޖެއްސުމުން، އެކަމާ އެޑް ޝީރަން އެހާ ހިތްހަމަނުޖެހޭކަންވެސް ޑެނީ ބޮއިލް ވަނީ ފާހަގަކޮށްފައެވެ.

އެޑް ޝީރަން ބުނާ ގޮތުގައި އޭނާ ގާތު އަހާފައިވަނީ 3 ވަނަ މީހެއްގެ ގޮތުގައެވެ. އެޑް ޝީރަން ތުހުމަތު ކުރާ ގޮތުގައި ކްރިސް މާޓިންއަށްފަހު ހެރީ ސްޓްއިލްސް ހަމަޖެއްސުމަށް ޑެނީ މަސައްކަތްކުރި ކަމަށްވެސް އެޑް ޝީރަންވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް ޑެނީވަނީ މިކަން ދޮގުކޮށްފައެވެ.

ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް، އެޑް ޝީރަން މަސައްކަތްކޮށްފައިވަނީ އޭނާއަށްވީ އެންމެ ރަނގަޅަކަށްކަން ޑެނީ ބޮއިލް ވަނީ ފާހަގަކޮށްފައެވެ.

ފިލްމް "ޔެސްޓަޑޭ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.