ރިއޯ ގްރާންޑީގެ އައްސޭރި ފަށާ ހިސާބުގައި، ފެންގަނޑުގެ ތެރޭގައި، ބައްޕައަކާއި އޭނާގެ އެންމެ 23 މަހުގެ ދަރިފުޅު އޮތީ ބަނޑުވަތަށެވެ. އެއީ އެދެބަފައިންގެ ފުރާނަ ނެތް މަސްގަނޑެވެ. ބައްޕަލައިގެން ހުރި ކަޅުކުލައިގެ ޓީޝާޓް އޮތީ މޭކަށިގަނޑާ ހިސާބަށް އޮޅިގެން އަރާފައެވެ. ދަރިފުޅު އޮތީ އެ ޓީޝާޓުގެ ތެރެއަށް ވާހަކަހަކަލަ ގޮތަކަށް ލާ، ނިވާ ކޮށްފައެވެ. ދަރިފުޅުގެ އަތް އޮތީ ބައްޕަގެ ކަރުގައި ލާ ވަށާލާފައެވެ. ބެލެވޭ ގޮތުގައި، އެ މައުސޫމު ކުއްޖާގެ އެންމެ ފަހު ނޭވާ މި ދުނިޔެއަށް ދޫކޮށްލާފައި އެވަނީ ބައްޕަގެ ގައިގައި އެލިގެން އޮވެއެވެ.

މެކްސިކޯގެ ދުވަހު ނޫހެއްކަމަށްވާ ލާ ހޮނާޑާގައި އާންމުކޮށްފައިވާ މި ހިތްދަތި ފޮޓޯ ނަގާފައިވަނީ، މި ދެބަފައިންގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އަންހެން ނޫސްވެރިއެކެވެ.

ފޮޓޯއިން ފެންނަ ބައްޕައަކީ އެމެރިކާގެ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ހިމާޔަތް ހޯދަން މަސައްކަތްކޮށް، ކުރިމަތިލާންޖެހުނު ނާކާމިޔާބީތަކުގެ ސަބަބުން ހިތްހަމަނުޖެހި ހިތް ނުތަނަވަސްވެފައި ހުރި އޮސްކާ އަލްބާޓޯ މާޓިނޭޒް ރަމީރޭޒް ނަމަކަށް ކިއާ މީހެކެވެ. ކަމާ ބެހޭ ފަރާތްތައް މެދުވެރިކޮށް އެކަން ހަމަނުޖެހުމުން، ދަރިފުޅު ވެލޭރިއާ ގޮވައިގެން އެމެރިކާއަށް ދިއުމަށް ރަމީރޭޒް މަސައްކަތްކޮށްފައިވަނީ ފަތާފައި ކޯރު ހުރަސްކުރާށެވެ. ރަމީރޭޒް މިދަތުރުފެށީ މިދިޔަ އާދީއްތަ ދުވަހުކަމަށް މެކްސިކޯގެ ނޫހުގައި ބުނެފައިވެއެވެ.

ކޯރުގެ އައްސޭރިފަށުން އެމެރިކާއާއި ވީ ފަޅިއަށް ދަރިފުޅު ގެނެސް، ގޮނޑުދޮށުގައި ދަރިފުޅު ބޭންދުމަށްފަހު އަނބިމީހާ ބަލާ ދިއުމަށް ރަމީރޭޒް އެނބުރުނެވެ. ނަމަވެސް ބައްޕަ އެނބުރި ދާ މަންޒަރު ފެނުމުން ދަރިފުޅު ވެލޭރިއާ އަމިއްލައަށް ކޯރަށް ފުންމާލިކަމަށްވެއެވެ. ރަމީރޭޒް އަނެއްކާވެސް ދަރިފުޅާ ދިމާލަށް އެނބުރި، ވަރަށް މަސައްކަތުން ދަރިފުޅު އަތުޖެއްސިއެވެ. ނަމަވެސް އެ ސަރަހައްދުގައި އޮއެބާރުވެ، ދެބަފައިން އެކުގައި އޮޔަށް ދަމައިގަތީކަމަށް މެކްސިކޯގެ ނޫހުގައި ތަފްސީލުކޮށްދީފައިވެއެވެ.

މެކްސިކޯގެ ނޫހުން މި ވާހަކަތައް ގެނެސްދީފައިވަނީ ހާދިސާ ހިނގި ވަގުތު ކޯރުގެ އަނެއް ފަރާތުގައި ހުރި ދަރިފުޅުގެ މަންމަ އަދި ރަމީރޭޒްގެ އަންހެނުން ފުލުހުންނަށް ދިން ބަޔާނަށް ރިއާޔަތްކޮށެވެ. ކަމާބެހޭ ފަރާތްތަކުންވެސް ވަނީ މި ބަޔާނަކީ ސައްހަ ބަޔާނެއްކަން ކަށަވަރުކޮށްދީފައެވެ.

މި ފޮޓޯއަކީ ސެންޓްރަލް އެމެރިކާ ސަރަހައްދުގެ ހަމަނުޖެހުންތަކާ އިންތިހާ ފަގީރުކަމުން ސަލާމަތްވުމަށް އެ ސަރަހައްދުގެ ރައްޔިތުން ކުރާ ނަމާން ދަތުރުގެ ރަމްޒަކަށް މިހާރުވަނީ ވެފައެވެ. ސެންޓްރަލް އެމެރިކާ ސަރަހައްދު ދޫކޮށް ގިނަ އަދަދެއްގެ ބަޔަކު ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރަން ފަށަނީ، އެމެރިކާއިން ހިމާޔަތް ލިބޭނެ ކަމުގެ އުއްމީދުގައެވެ.