މިޔަންމާގެ އެކި ހިސާބުތަކުން އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައިވަނީ އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ ލާއިންސާނީ ޖަރީމާ ފޮރުވުމުގެ ނިޔަތުގައި ކަމުގައިވުން އެކަށީގެންވާކަމަށް އިންސާނީ ހައްގުތަކާ ގުޅުންހުރިކަންކަން ތަހުގީގުކުރައްވާ އދގެ އޮސް އޮފިޝަލު ޔަންގީ ލީ ވިދާޅުވެއްޖެއެވެ.

މިޔަންމާ އަސްކަރިއްޔާއިން ދަނީ އަރަކަން އާމީގެ ނަމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކާ ކުރިމަތިލަމުންނެވެ. މި ޖަމާއަތަކީ ރާހީން ސްޓޭޓްގެ ބުދިސްޓުންނަށް ވަކިވެފައިވާ ދައުލަތެއް ގާއިމުކުރުމަށް ގޮވަމުންދާ ޖަމާއަތެކެވެ.

ރާހީން ސްޓޭޓްގެ 8 އަވަށެއްގެ އިތުރުން ޝީން ސްޓޭޓްގެ އަވަށަކުން އިންޓަނެޓްގެ ހިދުމަތް ކަނޑާލުމަށް މޯބައިލް ފޯނު އޮޕަރޭޓަރުންނަށް މިޔަންމާގެ ސަރުކާރުން އަމުރުކުރީ މިދިޔަ ހުކުރު ދުވަހުއެވެ.

އދއިން މިޔަންމާއަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ ރެޕަޗުއާ ޔަންގީ ލީ ވިދާޅުވީ، މިޔަންމާގައި ތިބި އާންމު ރައްޔިތުންނާ މެދު ކަންބޮޑުވެވަޑައިގަންނަވާކަމަށާ، ސަރުކާރުން ކުރި އަމުރު، މިހާރުން މިހާރަށް އަނބުރާ ގެންދިއުމަށް ގޮވާލައްވާކަމަށެވެ.

މިޔަންމާގެ ޓެލެކޮމް ގާނޫނުގެ ދަށުން ލިބިދީފައިވާ ބާރުގެ ދަށުން އެގައުމުގެ ބައެއް ސަރަހައްދުތަކުން އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

މިޔަންމާގައި މުއަސަލާތީ ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ގުރޫޕަކުން ބުނީ، އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލުމަށް މިޔަންމާގެ ސަރުކާރުން އަންގާފައިވަނީ، ޣައިރު ގާނޫނު އަމަލުތަކެއް ހިންގުމަށް އިންޓަނެޓް މެދުވެރިކޮށް ރޭވުންތަކެއް ރާވަމުންދާކަމުގެ މައުލުމާތު ލިބިފައިވާތީކަމަށް ބުނެއެވެ.