ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތުގެ ޔަމަނު ގޮފީގެ ލީޑަރުގެ ގޮތުގައި ހަރަކާތްތެރި ވަމުންދިޔަ އަބޫ އުސާމާ އަލް މުހާޖިރު ހައްޔަރު ކުރެވިފައި ވާކަމަށް ސައުދީ ކޯލިޝަނުން ހާމަކޮށްފިއެވެ.

ޔަމަނު ސަރުކާރުގެ ދިފާއުގައި އެގައުމުގައި ހަރަކާތްތެރިވަމުންދާ ސައުދީގެ އަސްކަރީ ކޯލިޝަނުން ބުނީ އައިސިސްގެ ޔަމަނު ގޮފީގެ ލީޑަރު ހައްޔަރު ކޮށްފައިވަނީ މި ޖޫން މަހުގެ ކުރީކޮޅުގައި ހިންގި ރެއިޑެއްގެ ތެރެއިން ކަމަށެވެ. މި ރެއިޑްގައި އައިސިސް ޖަމާއަތާ ގުޅުންހުރި ގިނަ ބަޔަކު ހައްޔަރުކުރެވިފައިވާކަމަށާ، އޭގެ ތެރޭގައި، އެ މީހުންގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ މީހަކުވެސް ހިމެނޭ ކަމަށް ސައުދީ ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް މާލިކީ ވަނީ ވިދާޅުވެފައެވެ.

މި ރެއިޑް ކުރިއަށް ގެންދިޔައީ ކޮން ސަރަހައްދެއްގައި ކަން މާލިކީ ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް މިރެއިޑްގައި އާންމުންގެ އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ވެފައި ނުވާނެ ކަމަށް މާލިކީ ވަނީ ވިދާޅުވެފައެވެ.

ދިގުލާ ގޮސްފައިވާ ދާހިލީ ހަނގުރާމައެއް ކުރަމުންދާ ޔަމަނުގެ ހަމަނުޖެހުންގަނޑުގެ ތެރެއަށް، ބޮޑެތި ހަނގުރާމަވެރި ޖަމާއަތްތަކުންވެސް ވަނީ ވަދެފައެވެ. އެގޮތުން، އައިސިސްގެ އިތުރުން، އަލްގައިދާއިންވެސް ޔަމަނުގައި ހަރަކާތްތެރިވާކަމަށް ޚަބަރު ލިބެއެވެ.

ޔަމަނު ހަނގުރާމައަށް 4 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެތައް ހާސް ބައެއްގެ ފުރާނަ ގެއްލިފައިވާއިރު، މީގެ ތެރޭގައި އާންމު ރައްޔިތުންވެސް ގިނަ އަދަދަކަށް ހިމެނެއެވެ. މީގެ އިތުރުން، ޔަމަނުގައި އުފެދިފައިވާ އިންސާނީ ކާރިސާއަކީ ދުނިޔެ ދުށް އެންމެ ބޮޑު އިންސާނީ ކަރިސާގެ ގޮތުގައި އދއިން ދަނީ ސިފަކުރަމުންނެވެ.