ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން، ހަނގުރާމަވެރިން ތޯލިބާނުންނާއެކު ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވިދާޅުވެއްޖެއެވެ.

އަފްޣާނިސްތާނުގައި ސުލްހަ ގާއިމުކުރުމުގެ ނަމުގައި، އެމެރިކާ އިސްވެއޮވެ، ތޯލިބާނުންނާއެކު ގަތަރުގައި މަޝްވަރާތައް ފެށިފަހުން އަފްޣާނިސްތާނަށް ފުރަތަމަ ފަހަރަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި، ވެރިރަށް ކާބުލްގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ޕޮމްޕޭއޯ ވިދާޅުވީ، އެމެރިކާ ސަރުކާރުން އެންމެ އިސްކަމެއް ދޭ ކަމަކީ ސުލްހަ ކަމަށެވެ.

ކުރިން އިއުލާން ކުރެއްވުމަކާ ނުލާ 1 ދުވަހުގެ މުއްދަތަށް ޕޮމްޕޭއޯ އަފްޣާނިސްތާނަށް ވަޑައިގެން، އެގައުމުގެ ރައީސް އަޝްރަފު ޣަނީއާއި އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ނޭޓޯގެ އަސްކަރީ މިޝަންގެ އިސްވެރިޔާ، ޖެނެރަލް ސްކޮޓް މިލާއާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ.

ތޯލިބާން ހަނގުރާމަވެރިންނާއެކު ގަތަރުގައި ކުރިއަށްދާ ސިލްސިލާ މަޝްވަރާތަކުގެ އިތުރު ބުރެއް ދެން އެންމެ އަވަހަށް ކުރިއަށްދާނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. މިމަޝްވަރާތައް އަމާޒުކޮށްފައިވަނީ މައިގަނޑު 4 ކަމެއްގެ މައްޗަށެވެ. އެއީ ޓެރަރިޒަމްއާއި ދެކޮޅަށް ހަނގުރާމަކުރުމާ، އަފްޣާނިސްތާނުގައި ބޭރުގެ އަސްކަރީ ފައުޖުތަކުން ހަރަކާތްތެރިވުމާ، އަފްޣާނިސްތާނުގެ ދާހިލީ ފެންވަރުގެ މަޝްވަރާތަކާ، ދާއިމީ ގޮތެއްގައި ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމެވެ.

ތޯލިބާންގެ ހަނގުރާމަވެރިން ޑިމާންޑްކުރަމުންދަނީ އަފްޣާނިސްތާނުގައި ތިބި ބޭރުގެ އަސްކަރީ ފައުޖުތަކުން އެގައުމު ދޫކޮށް ދިއުމަށެވެ. އަދި އަފްޣާނިސްތާނުގައި އޮތީ "ގޮނޑިކޮއްކޮ" ވެރިކަމެއް ކަމަށް ބުނެ، ތޯލިބާނުންވަނީ އަފްޣާނިސްތާނުގެ ސަރުކާރާއެކު މަޝްވަރާކުރުމަށްވެސް އިންކާރުކޮށްފައެވެ.

ޕޮމްޕޭއޯ ވިދާޅުވީ ސުލްހައިގެ އެއްބަސްވުމުގެ ދެލިކޮޕީ އެކުލަވާލާ ނިމެނީ ކަމަށާ، މި އެއްބަސްވުމަކީ އަފްޣާނިސްތާނުގެ ފަސްގަނޑުގައި ދުވަހަކުވެސް ޓެރަރިޒަމް ނުހިނގުމަށް ތޯލިބާނުން ވާ ވައުދު ބަޔާންކުރާ އެއްބަސްވުމެއް ކަމަށެވެ.

ކަންމިހެން އޮތްއިރު، މިއީ އީރާނާ އެމެރިކާއާއި ދެމެދު އަސްކަރީ ކުރިމަތިލުމެއް ފެށިދާނެ ކަމުގެ ބިރު، އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްކަމުން، މިކަމުގެ އަސަރު އަފްޣާނިސްތާނުގެ ސުލްހައަށް ނުކޮށް ނުދާނެ ކަމެއް ކަމަށް މުރާސިލުން ބުނެއެވެ. އަފްޣާނިސްތާނާ އީރާނަކީ ގާތްގަނޑަކަށް 900 ކިލޯމީޓަރުގެ ސަރަހައްދީ އިމެއް ހިއްސާކުރަމުންދާ 2 ގައުމެވެ.