ބަންގްލަދޭޝްގައި ކަނޑާފައިވާ ކޯރެއް ހުރަސް ކުރުމަށް އަޅާފައިވާ ބުރިޖެއް ހަލާކުވެގެން ހިނގި ރޭލު އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 4 އަށް އަރައިފިއެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ، ބުރިޖު ހަލާކުވެގެން ވެއްޓުނު ވަގުތު އެ ބުރިޖުމަތިން ދުއްވަމުންދިޔަ ރޭލުވެސް ބުރިޖާއެކު ވެއްޓިގެންކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާގައި އިތުރު 100 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ބަންގްލަދޭޝްގެ އޮފިޝަލުން ވިދާޅުވީ ބުރިޖުން ބައެއް ވެއްޓުމުގެ ސަބަބުން، ރޭލުގެ 5 ބައެއް، ތިރިއަށް ވެއްޓުނު ކަމަށެވެ. މީގެ ތެރެއިން 4 ބައި ގޮސް ޖެހުނީ އެއްގަމުގައިކަމަށާ، އަނެއްބައި ވެއްޓުނީ ކަނޑާފައިވާ ކޯރުގެ ފެންގަނޑުތެރެއަށް ކަމަށްވެސް އޮފިޝަލުން މައުލޫމާތު ދެއްވައެވެ.

ވެރިރަށް ޑާކާއާއި ގާތްގަނޑަކަށް 185 މޭލު ބޭރުން އޮންނަށް ކަލިރާ ސަރަހައްދުގައި ހިނގި މިހާދިސާއާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ރޭލު ތެރޭގައި ތާށިވެފައިވާކަމަށް ޚަބަރު ލިބެއެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އާންމުންގެ އެއްބާރުލުން ލިބިފައިވާކަން، ބަންގްލަދޭޝް ފުލުހުންގެ ސުޕްރިންޓެންޑެންޓް ރާޝިދުލް ހަސަން ވަނީ ފާހަގަކުރައްވާފައެވެ.

ބަންގްލަދޭޝްގެ އިރުއުތުރުގެ ސަރަހައްދުތަކަށް ކުރާ ރޭލު ދަތުރަށް މިވަގުތުވަނީ، މިހާދިސާއާއި ގުޅިގެން ހުއްޓާލާފައެވެ.