އިންޑޮނޭޝިއާއާއި އީސްޓް ޓީމޯރުގެ އައްސޭރިފަށުގެ ސަރަހައްދަށް، ރެކްޓާ މިންގަނޑުން 7.5ގެ ބާރު މިނުގައި ބިންހެލުމެއް އައިސްފައި ވާކަމަށް ޔޫ.އެސް.ޖިއޮލޮޖިކަލް ސާވޭއިން ބުނެފިއެވެ.

މި ބިންހެލުމުގެ އަސަރު، އިންޑޮނޭޝިއާގެ ރިސޯޓް ރަށެއް ކަމަށްވާ ބާލީއަށް ކޮށްފައި ވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބިފައި ވާކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

މި ބިންހެލުމުގެ އަސަރު، އޮސްޓްރޭލިއާގެ ބައެއް ހިސާބުތަކަށްވެސް ކޮށްފައި ވާކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ބިންހެލުމުގެ ސަބަބުން ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ސުނާމީއެއް އުފެދުމުގެ ނުރައްކާ ނެތްކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ދިވެހިރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ އައްޑޫ ސިޓީގެ 6269 ކިލޯމީޓަރު ބޭރުންނެވެ.