ތުރުކީވިލާތުގެ އިސްތަންބޫލްގެ މޭޔަރަކު ހޮވުމަށް ކުރިއަށް ގެންދިޔަ ވޯޓުލުން ދެވަނަ ފަހަރަށް ކުރިއަށް ގެންގޮސް ވަގުތީ ނަތީޖާތައް ލިބެން ފެށިއިރު، ވެރިކަން ކުރާ ޕާޓީއަށް އެސިޓީގެ ތާއީދު ގެއްލިފައިވާކަމަށް ދައްކައިފިއެވެ.

ހުރިހާ ވޯޓެއްހެން މިހާރު ގުނާ ނިމިފައިވާއިރު މައި އިދިކޮޅު ޕާޓީން ވާދަކުރެއްވި އިކްރާމް އިމާމުގްލޫ ވަނީ ވޯޓުގެ %54 ކަށަވަރުކުރައްވާފައެވެ. މާޗް މަހު ކުރިއަށް ގެންދިޔަ އިންތިހާބުގައިވެސް ކުރީގައި އޮތީ އޭނާއެވެ. ނަމަވެސް އިސްތަންބޫލްގައި ދެވަނަ ފަހަރަށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ވެރިކަން ކުރާ އޭކޭ ޕާޓީއިން ފެންމަތިކުރި ޝަކުވާތަކަކާ ގުޅިގެންނެވެ.

ތުރުކިވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާންވެސް ވަނީ އިމާމުގްލޫއަށް މަރުހަބާ ވިދާޅުވެފައެވެ.

އުރުދުޣާން މީގެ ކުރިންވަނީ، މިފަހަރުގެ އިންތިހާބުން މޮޅުވާ މީހަކީ މުޅި ތުރުކީވިލާތުގެ ތާއީދު އޮތް މީހެއްކަމަށް ވިދާޅުވެފައިކަމުން، އިދިކޮޅު ފަރާތްތަކުން އިސްތަންބޫލްގެ ކޮންޓްރޯލް ނެގުން ވެފައިވަނީ، އުރުދުޣާންގެ ސަރުކާރަށް ކުރިމަތިލާންޖެހުނު ބޮޑު ލަދަކަށް ކަމަށް މުރާސިލުން ސިފަކުރެއެވެ.

މިފަހަރުގެ ނެގި ވޯޓުގައި އިމާމުގްލޫ ވަނީ، މާޗް މަހު ހޯއްދެވި ވޯޓަށް ވުރެ 775000 ވޯޓު އިތުރަށް ހޯއްދަވާފައެވެ.