ބައްޕަގެ ގާތިލުންނަކީ މިސްރުގެ ރިޔާސަތުގައި މިވަގުތު ހުންނެވި ޖެނެރަލް އަބްދުލް ފައްތާހު އަލް ސީސީއާއި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ކަމަށް، ހުސްވި ހަފުތާގައި އަވަހާރަވި މިސްރުގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް މުޙައްމަދު މޫރުސީގެ ފިރިހެން ދަރިފުޅަކު ވިދާޅުވެއްޖެއެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމާ މަރުގެ ހުކުމްވެސް އިއްވާފައިވާ މޫރުސީ އަވާހަރަވީ، ޖާސޫސު ކުރެއްވި ކަމުގެ ކުށުގެ ތުހުމަތުގައި ހިންގި ޝަރިޔަތުގެ މަޖިލީހުގައި މޫރުސީއަށް ހުންނަވަން ޖެހިވަޑައިގަންނަވާ އަޑު ނުވައްނަ ބިއްލޫރު ޖަގަހަ ތެރެއަށް ވެއްޓިވަޑައިގެންނެވިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.

ބައްޕައަށް ޝަހީދެއްގެ ދަރަޖަ ދެއްވަމުން ކުރެއްވި ޓުވީޓެއްގައި ދަރިފުޅު ޢަބްދުﷲ މޫރުސީ ވަނީ އަލް ސީސީގެ އިތުރުން މޫރުސީގެ ގާތިލުންގެ ގޮތުގައި އިތުރު ބައެއް އޮފިޝަލުންގެ ނަންތައްވެސް ހާމަކުރައްވާފައެވެ.

މޫރުސީ އަވަހާރަވުމާ ގުޅިގެން ފިރިހެން ދަރިފުޅު ޢަބްދުﷲ، ތުހުމަތުގެ އިނގިލި އަމާޒު ކުރެއްވި ބޭފުޅުންގެ ތެރޭގައި މިހާރުގެ ދާހިލީ ވަޒީރު މަޙްމޫދު ތައުފީގާ، ކުރީގެ ދާހިލީ ވަޒީރު މަޖުދީ ޢަބްދުލްޣައްފާރުގެ ނަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ފަނޑިޔާރު ޝީރީން ފަހުމީ، ޝައުބާން އަލް ޝާމީ އަދި އަޙުމަދު ސޮބްރީއާއި އެޓާނީ ޖެނެރަލް ނަބީލު ސޯދިގާ، ޖާސޫސީ ހިދުމަތްތަކާ ބެހޭ އިސްވެރިޔާ އައްބާސް ކާމިލްގެ ނަންވެސް ޢަބްދުﷲ މޫރުސީ، ގާތިލުންގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

މި ތުހުމަތުތަކާ ގުޅިގެން މިސްރުގެ ކަމާ ބެހޭ ފަރާތްތަކުން ރަސްމީ ސިފައެއްގައި އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މޫރުސީ އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ އެކިކަންކޮޅުތަކުން ގިނަ އަދަދެއްގެ މުސްލިމު ގައުމުތަކުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ. އެގޮތުން ތުރުކީވިލާތާ މެލޭޝިއާ އަދި ގަތަރު ފަދަ ގައުމުތަކުގެ އެންމެ އިސްވެރިންވެސް ވަނީ މި ހިތާމާގައި ބައިވެރިވެވަޑައިގެން، އެކަން ހާމަކުރައްވާފައެވެ.

މިސްރުގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ޑިމޮކްރަޓިކް އިންތިހާބުން މިސްރުގެ ވެރިކަން ކާމިޔާބު ކުރެއްވި މުޙައްމަދު މޫރުސީއަށް އެމަގާމުގައި ހުންނެވުނީ ދޮޅު އަހަރެއްހާ ދުވަހުއެވެ. އެއަށްފަހު، މިހާރު ވެރިކަމުގައި ހުންނެވި އަލް ސީސީ އިސްކޮށް ހުންނަވައިގެން އަސްކަރީ ބަގާވާތެއް ހިންގާ، މޫރުސީގެ ވެރިކަން ނިމުމަކަށް ގެނެސް، މޫރުސީ ގައިދީއަކަށް ހެއްދެވިއެވެ.