ރާއްޖޭގެ ޖަލުތަކަށް އެކަށީގެންވާ ބަދަލެއް އައިސްފައި ނެތް ކަމަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ އިއްޔެ ޖަލުގައި ހިންގި ހަމަނުޖެހުމުގެ ވާހަކަތައް މީޑިއާ އަށް ތިލަވެ، ޖަލުގެ ހާލަތާ މެދު އާންމުން ސުވާލު އުފައްދަން ފަށާފައި ވުމުން ކަމަށް ބެލެވެއެވެ.
"މިއީ އެއް ދުވަހަކުން، ދެ ދުވަހަކުން ބަދަލުވާނެ ކަމެއް ނޫން، ގައިދީންނާ މެދު ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތައް ހިންގުން ހުއްޓުވާނަން" އިމްރާން ވިދާޅުވިއެވެ.
އަދި ފުރިހަމަ ތަހުގީގަކާ ނުލައި އޮފިސަރުންނަށް ފިޔަވަޅު އެޅުއްވުމަކީވެސް ކުރައްވާނެ ކަމެއް ނޫންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޖަލު ހަލަބޮލި ކޮށްގެން ސިޔާސީ މަންފާ ހޯދުނު ޒަމާން މާޒީ ވެއްޖެ ކަމަށާ، އަނިޔާވެެރި އަމަލުތަކާއި ސިޔާސީ ބޭނުމަށް ޖަލު ހަލަބޮލި ކުރުމަށް ކުރާ ކަންކަމުން ކަރެކްޝަނުގެ އޮފިސަރުން އެއްކިބާ ވުމަށްވެސް އިމްރާން ވަނީ ގޮވާލައްވާފައެވެ.
އިއްޔެ ޖަލުގައި ހިންގި ހަމަ ނުޖެހުމުގައި ކަރެކްޝަން އޮފިސަރެއްގެ ބޯ ފަޅައިގެން ގޮސްފައި ވާއިރު، ގައިދީންނާ މެދު ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައި ވާކަމަށް ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ. އިއްޔެ ޖަލުގައި ހިންގި ހަމަނުޖެހުމުގައިި ގައިދީންގެ ކުރިމަތިފަރާތަށް ޕެޕާ ސްޕްރޭ ޖެހުންފަދަ ލާއިންސާނީ ކަންކަން ހިންގާފައި ވާކަމަށް ފެތުރުނު ހަބަރުތައް ކަރެކްޝަނުން ދޮގު ކޮށްފައި ނުވެއެވެ. ނަމަވެސް ގައިދީންގެ ބޯ ބޭލި ކަމަށް ފެތުރުނު ހަބަރުތައް ކަރެކްޝަނުން ވަނީ ދޮގު ކޮށްފައެވެ.
އިއްޔެގެ ހަމަ ނުޖެހުމާ ގުޅިގެން މާދަމާ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށް ކަރެކްޝަންސް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ.
ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަރެކްޝަންސް ހިނގަމުން ދާއިރު ނިމިދިޔަ ރޯދަ މަހާ ދިމާކޮށް ރައީސް އަދަބު ލުއިކޮށްދެއްވައިގެން ދޫކޮށްލި 300 އެއް ހާ ގައިދީންގެ ތެރޭގައި ދޫކޮށްލަން ނުޖެހޭ ގައިދީން ހިމެނިފައިވާ ކަމުގެ ހަބަރުތައްވެސް ފެތުރުނެވެ. އަދި އެކަމާ ގުޅިގެން ހޯމް މިނިސްޓްރީން ބުނީ އެގޮތަށް ދޫވެފައި ވާކަމަށް ފާހަގަ ވީ އެންމެ ގައިދީއެއް ކަމަށެވެ.