އޯލެވެލް ފެންވަރުގެ ވަޒީފާއަކަށް 20000 ރުފިޔާގެ މުސާރައެއް ދިނުމަށް ހެލްތު މިނިސްޓްރީ އިން ކުރި އިއުލާނަކީ އެމިނިސްޓްރީގެ އެޑްމިނިސްޓްރޭޝަން އަށް އޮޅުމަކުން ކުރެވިފައިވާ އިއުލާނެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން ވަނީ މިއަދު އެ އިއުލާނު ބާތިލުކޮށްފައެވެ. ހެލްތު މިނިސްޓްރީ އިން ބާތިލުކޮށްފައި ވާ އިއުލާނަކީ ކޮމިއުނިކޭޝަން ޑިރެކްޓަރަކު ހޯދުމަށް ކޮށްފައިވާ އިއުލާނެކެވެ. އެ އިއުލާނުގައި ވާގޮތުން އެ މަގާމަށް ހޮވާ ފަރާތެއްގެ ހުންނަން ޖެހޭ ޝަރުތުތަކަކީ މީޑިއާ އެއްގައި މަދުވެގެން 1 އަހަރު މަސައްކަތް ކޮށްފައި ހުރުމާއި އޯލެވެލް ފެންވަރު ހުރި މީހަކަށް ވުމެވެ.

މި އިއިލާނަށް އާންމުންގެ ފާޑު ކިއުން ވަނީ އަމާޒުވެފައެވެ. މި އިއުލާނާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ބުނެފައި ވަނީ މިއީ ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމަށް ކޮށްފައި ވާ އިއިލާނެއް ކަމަށެވެ.

ނަމަވެސް ހެލްތު މިނިސްޓްރީން ބުނެފައި ވަނީ މިއީ އެޑްމިނިސްޓްރޭޝަނަށް އޮޅުމަކުން ކުރެވިފައިވާ އިއުލާނެއް ކަމަށެވެ.

ސިވިލް ސާވިސް މުވައްޒަފުންނަށް ދޭ އާންމު މުސާރައަކީ 5000 ރުފިޔާއެވެ.