ބަންގްލަދޭޝްގައި ހަކަތަ އުފައްދާ ޕްލާންޓެއްގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާ ޗައިނާގެ އެތައް ސަތޭކަ މުވައްޒަފުންތަކަކާ ބަންގްލަދޭޝްގެ މުވައްޒަފުންތަކަކާ ދެމެދު ވަރުގަދަ ކުރިމަތިލުމެއް ހިންގައިފިއެވެ.

ބަންގާޅު ފުލުހުން ވަނީ މި ކުރިމަތިލުންތަކަށް ހުރަސް އަޅާ، ހުއްޓުވާފައެވެ.

ޗައިނާއިންވެސް ފަންޑުކޮށްގެން އަޅާފައިވާ މި ޕްލާންޓްގައި ހިންގި ތަޅާފޮޅުމުގައި ޗައިނާ މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

މި ތަޅާފޮޅުންގަނޑު ފެށުނީ، ޕްލާންޓުގައި މަސައްކަތްކުރަމުންދިޔަ މީހަކު ވެއްޓި މަރުވުމާއެކު، ޗައިނާއިން އެކަން އޮއްބާލުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އުފެދުނު ދެބަސްވުންތަކެއްގެ ތެރެއިންކަމަށް މައުލޫމާތު ލިބެއެވެ.

ބަންގްލަދޭޝް ފުލުހުން ބުނީ، މި ތަޅާފޮޅުންގަނޑު ކޮންޓްރޯލު ކުރެވުނީ 1000 އެއްހާ ފުލުސް އޮފިސަރުން އެސަރަހައްދުގައި ހަރަކާތްތެރިވެގެން ކަމަށެވެ.

ޗައިނާގެ އިންވެސްޓްމަންޓްތައް ބަންގްލަދޭޝްގައި އިންތިހާއަށް އިތުރުކުރަމުންދާއިރު، ބަންގާޅު މީހުންނާ ޗައިނާގެ މަސައްކަތްތެރިންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ސިލްސިލާ ގޮތެއްގައި ހިންގަމުންދާ ކަމަށް ޚަބަރު ލިބެއެވެ.