ޝަރީއަތުގެ މަޖިލީހަށް ހާޒިރު ކުރެވިފައި ވަނިކޮށް ވެއްޓިވަޑައިގެންނެވި ފަހުން މިސްރުގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް މުޙައްމަދު މޫރުސީ އަވާހަރަވީ އާދައިގެ ގޮތަކަށް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް، ތުރުކީވިލާތުގެ ރައީސް ތަޖަބު ތޮއްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އަބަދުވެސް މޫރުސީގެ ސަޕޯޓަރެއްގެ ގޮތުގައި ފެނިގެންދިޔަ އުރުދުޣާން މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ހޯމަ ދުވަހު އަވަހާރަވި މޫރުސީގެ މައްޗަށް ތުރުކީވިލާތުގެ އިސްތަންބޫލުގައި ޣައިބަށް ކުރެވުނު ކަށުނަމާދުގައި ބައިވެރިވެވަޑައިގަތުމަށް ފަހުގައެވެ.

މޫރުސީ އަވަހާރަވީ ޤުދުރަތީ މަރަކުން ކަމަށް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވުމުގެ އިތުރުން އުރުދުޣާންވަނީ މިސްރުގެ މިހާރުގެ ސަރުކާރަށްވެސް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރައްވާފައެވެ. މޫރުސީއަކީ "ޝަހީދެއް" ކަމުގައި ސިފަކުރައްވަމުން އުރުދުޣާން ވިދާޅުވީ، މޫރުސީ އަވަހާރަވުމުގެ ޒިންމާ އުފުއްލަންޖެހޭނީ މިސްރުގެ ލީޑާޝިޕުގައި މިވަގުތު ތިއްބެވި "ޚުދުމުޚުތާރު" ވެރިންކަމަށެވެ.

މޫރުސީގެ ޖަނާޒާ އަންގާރަ ދުވަހުގެ ވަގުތެއްގައި މިސްރުގައި ކުރިއަށް ގެންގޮސްފައިވަނީ ވަރަށް އާދައިގެ ގޮތަކަށެވެ. އެ ޖަނާޒާގައި ބައިވެރިވެފައިވަނީ އާއިލާއާއި މޫރުސީގެ ގާތް ބޭފުޅުންގެ ތެރެއިން މަދު ބައެއްކަމުން، އުރުދުޣާންވަނީ އެކަމާވެސް މިސްރުގެ އިސްވެރިންނަށް ފާޑުވިދާޅުވެފައެވެ.