ޖަލު ހުކުމެއްގައި ހުންނަވަނިކޮށް މިސްރުގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް މުޙައްމަދު މޫރުސީ އަވާހަރަވުމާ ގުޅިގެން ވަކި ފަރާތަކަށް ނުޖެހޭ، ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށް އދއިން ގޮވާލައިފިއެވެ.

ހުސްނީ މުބާރަކުގެ 30 އަހަރަށްވުރެ ގިނަ ދުވަސްވީ ވެރިކަން ނިމުމަކަށް ގެނެސް، އަރަބި ބަހާރުގެ ތެރެއިން މިސްރަށް ގެނައި ޑިމޮކްރަޓިކް އިންގިލާބާއެކު ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި މޫރުސީ އަވަހާރަވީ މިމަހުގެ 17 ވަނަ ދުވަހު، ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރެވިފައި ވަނިކޮށް، ވެއްޓިވަޑައިގަތްތާ ކުޑައިރުކޮޅެއް ފަހުންނެވެ.

މޫރުސީގެ ވެރިކަމަށް ދޮޅު އަހަރެއްހާ ދުވަސްވީތަނާހެން މިސްރުގައި އަސްކަރީ ބަޣާވާތެއްކޮށް، ވެރިކަން ވައްޓާލާ، މޫރުސީ އާއި އޭނާގެ ގިނަ ސަޕޯޓަރުންތަކެއް ޖަލަށް ލެވުނެވެ. މޫރުސީ އަވަހާރަވީ، އުމުރު ދުވަހުގެ ޖަލުހުކުމެއްގެ އިތުރުން މަރުގެ ހުކުމްވެސް އިއްވާފައިވަނިކޮށެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދގެ އޮފީހުން ބުނީ، ފާއިތުވީ ހައެއްކަ އަހަރު ދުވަހު މޫރުސީ ޖަލުގައި ހޭދަކުރެއްވި ގޮތުގެ ތަފްސީލާ، ޖަލުގައި މޫރުސީއާއި މެދު އަމަލު ކުރެވިގެންދިޔަ ގޮތް ހުރިހާ ނަޒަރަކުން ވަޒަން ކުރެވޭ ތަހުގީގަކަށް، މި ތަހުގީގު ވާންޖެހޭނެ ކަމަށެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދގެ ތަރުޖަމާނު ރުޕާޓް ކޯލްވިލް ވިދާޅުވީ، ޖަލުގައި މޫރުސީއަށް ކުރިމަތިލައްވަން {ޖެހިވަޑައިގެންނެވި ކަންކަމާ ގުޅިގެން ކަންބޮޑުވުންތަކެއް އެބަހުރިކަމަށެވެ. އެގޮތުން އެކަށީގެންވާ ސިއްހީ ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދެވި ނުވާކަމަށް ވާހަކަދެކެވޭއިރު، ގާނޫނީ ވަކީލުންނާ އާއިލީ ބައްދަލުވުންތަކަށްވެސް އެކަށީގެންވާ ފުރުސަތު ދެވިފައި ނުވާކަމަށް ވާހަކަ ދެކެވޭކަން ކޯލްވިލް ވަނީ ފާހަގަކުރައްވާފައެވެ.

މިމައްސަލަ ބަލަންވާނީ ޝަރުއީ ނުވަތަ ކަމަށް ގާބިލު މިނިވަން އިދާރާއަކުން ކަމަށާ، އަދި އެ ފަރާތެއް ވާންވާނީ، މޫރުސީއަށް ކުރިމަތިކުރެވުނު ތަކުލީފުތަކާ، މޫރުސީ އަވަހާރަވީ ހާދިސާގެ ތަހުގީގާ ގުޅިގެން ހައްޔަރުކުރަންޖެހޭ ފަރާތްތައް ހައްޔަރުކުރުމުގެ ހައްގާ ބާރު އޮތް ފަރާތަކަށް ކަމަށްވެސް ކޯލްވިލް ވަނީ ފާހަގަކުރައްވާފައެވެ.

މޫރުސީގެ ވެރިކަން، 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު ވައްޓާލި އަސްކަރީ ބަގާވާތުގައި އިސްކޮށް ހުންނެވީ، މިސްރުގެ މިހާރުގެވެސް ރައީސް ޖެނެރަލް އަބްދުލް ފައްތާހު އަލް ސީސީއެވެ.