މިސްރުގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް މުހައްމަދު މޫރުސީ ޖަލު ބަންދުގައި އަވަހާރަވާން ދޫކޮށްލުމަކީ ބޮޑުލަދެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު، ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޖަލު ބަންދުގައި އަވަހާރަވާން ދޫކޮށްލުމަކީ ބޮޑުލަދެއް ކަމަށާއި، އޭނާއަކީ ޖަލުގައި ބަންދުކުރަން ވެސް ޖެހޭ ބޭފުޅެއް ނޫން ކަމަށެވެ. އަދި ބާޣީގެ ލަގަބު މޫރުސީގެ އިސްތަށިފުޅުގައި އަޅުވާ ބައިނަލް އަގްވާމީ މުޖުތަމައުން މިހާރުގެ ބާޣީ ސަރުކާރު ބަލައި ނުގަންނަމަ މާ ރަނަގޅު ވީސް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް މޫރުސީ އަވަހާރަވެފައި ވަނީ ޝަރީއަތުގެ މަޖިލީހަށް ހާޒިރު ކުރެވިފައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓިވަޑައިގަތްތާ އިރުކޮޅެއް ފަހުން، ރޭގެ ވަގުތެއްގައި ކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.

އަރަބި ބަހާރުގެ ތެރެއިން މިސްރުގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ޑިމޮކްރަޓިކް އިންތިހާބުގައި، ހުސްނީ މުބާރަކުގެ 30 އަހަރަށް ވުރެ ގިނަ ދުވަސްވީ ވެރިކަން ނިމުމަކަށް ގެނެސް، ގައުމުގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސްގެ ގޮތުގައި ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި މޫރުސީއަށް އެ މަގާމުގައި ހުންނެވުނީ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހުއެވެ. އެއެއަށްފަހު، މިހާރު ރިޔާސަތުގައި ހުންނެވި ޖެނެރަލް އަބްދުލް ފައްތާހު އަލް ސީސީ އިސްކޮށް ހުންނަވައިގެން އަސްކަރިއްޔާގެ އެހީއާއިއެކު ބަޣާވާތެއް ހިންގަވާ، މޫރުސީގެ ވެރިކަން ނިމުމަކަށް ގެންނަވާ، މޫރުސީގެ މައްޗަށް ޖަލު ހުކުމް އިއްވާ، ބްރާދަހުޑް ޕާޓީއަކީ ޣައިރު ގާނޫނީ ޖަމާއަތެއް ކަމުގައި ކަނޑައެޅުއްވިއެވެ. އަދި މޫރުސީގެ މައްޗަށް މަރުގެ ހުކުމްވެސް އިއްވިއެވެ.

ބްރާދަހުޑްގެ ޕްރީޑަމް އެންޑް ޖަސްޓިސް ޕާޓީގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިސްރުގެ ސަރުކާރުން މޫރުސީ ބަހައްޓަވާފައި ހުރީ އެކަހެރި ޖަލު ގޮޅިއެއްގައެވެ. ކެއިން ބުއިމުގެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދީފައި ނުވާއިރު، ސިއްހީ ބޭސްފަރުވާގެ ހިދުމަތްވެސް ފޯރުކޮށްދީފައި ނުވާކަމަށާ، އެންމެ އަސާސީ އިންސާނީ ހައްގުތަކަށްވެސް އިހުތިރާމް ކޮށްފައި ނުވާކަމަށް އެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފައެވެ.

މޫރުސީ އަވަހާރަވީއިރު އުމުރުފުޅަކީ 67 އަހަރެވެ.