ޕާކިސްތާނު ދުށް އަސްކަރީ ހުދުމުހުތާރު ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފުގެ ފްރީޒްކޮށްފައިވާ ބޭންކް އެކައުންޓްތަކުން މުއާމަލާތް ހިންގިފައިވަނީ ކީއްވެކަން ބަޔާންކޮށް ދިނުމަށް ޕާކިސްތާނުގެ ތަހުގީގީ އެންމެ އިސް އިދާރާ އަނެއްކާ ވެސް ފެއިލްވެއްޖެއެވެ.

މި މައްސަލައިގައި ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އޭޖެންސީ (އެފް.އައި.އޭ)އާއި ސުވާލުކޮށްފައިވަނީ، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލި ހާދިސާ ތަހުގީގު ކުރަމުންދާ ހާއްސަ އެންޓި-ޓެރަރިޒަމް ކޯޓުންނެވެ.

ޖަލު ހުކުމެއް ކޮށްފައިވަނިކޮށް ދުބާއީއަށް ވަޑައިގެން އެތަނުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ މުޝައްރަފަކީ ވެސް މި މައްސަލައިގައި ދައުވާ ލިބިވަޑައިގަންނަވާ ފަރާތެކެވެ.

ފްރީޒްކޮށްފައިވާ ބޭންކް އެކައުންޓްތަކުން ފައިސާގެ މުއާމަލާތްތަކެއް ހިންގާފައި ވަނީ ކީއްވެތޯ ސުވާލު ކުރުމަށް ކުރިއަށް ގެންދިޔަ އަޑުއެހުމަށް، އެފް.އައި.އޭގެ ޕްރޮސެކިއުޓަރާ އިންވެސްޓިގޭޝަން އޮފިސަރު ވެސް ހާޒިރުވެވަޑައިގެންފައި ނުވާކަމަށް ޚަބަރު ލިބެއެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ އަންނަ ޖުލައި މަހުގެ 27ގެ ނިޔަލަށް ސަރިޔަތުގެ އަޑުއެހުން ފަސްކުރައްވާފައެވެ. އަދި ފްރީޒްކޮށްފައިވާ އެކައުންޓްތަކަކުން މުއާމަލާތްތައް ހިނގަމުންދަނީ ކީއްވެކަން ތަފްސީލުކޮށްދިނުމަށް އެފް.އައި.އޭގެ މައްޗަށް ވަނީ އަމުރުކުރައްވާފައެވެ.

ކޯޓުން މި މައްސަލަ ބަލަމުންދާތާ އެތައް މަހެއް ވެފައިވާއިރު، މީގެ ކުރިން އެފް.އައި.އޭއިން ބުނެފައި ވަނީ މުޝައްރަފުގެ ފްރީޒްކޮށްފައިވާ އެކައުންޓްތަކުން މާލީ ބޮޑު މުއާމަލާތެއް ނުހިނގާ ކަމަށާ، ހިނގާފައި ވަނީ ބޭންކު ފީގެ ގޮތުގައި ބޭންކުން ކަނޑާ ފައިސާގެ އަދަދުތަކެއްގެ މުއާމަލާތްތަކެއް ކަމަށެވެ.

ބުއްޓޫ އަވަހާރަކޮށްލި ހާދިސާގެ އިތުރުން، ގައުމަށް ގައްދާރުވި ކަމުގެ ކުށުގެ ދައުވާވެސް މުޝައްރަފާ ދެކޮޅަށް ވަނީ އުފުލާފައެވެ. މުޝައްރަފު ޕާކިސްތާނަށް ވަޑައިނުގަންނަވަނީ ސިއްހީ އާލާސްކަންފުޅެއްގެ ސަބަބުންކަމަށް، ވަކީލުންގެ ޓީމުން ދަނީ ބުނަމުންނެވެ.