މިސްރުގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް މުޙައްމަދު މޫރުސީ އަވަހާރަވުމުގެ ޒިންމާ އުފުލަންޖެހޭނީ އެގައުމުގައި މިހާރު އޮތް ސަރުކާރުން ކަމަށް، މޫރުސީ ނިސްބަތްވެވަޑައިގެންނެވި މިސްރުގެ މުސްލިމު ބްރަދަހުޑް ޖަމާއަތުން ބުނެފިއެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް މޫރުސީ އަވަހާރަވެފައި ވަނީ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރެވިފައިވަނިކޮށް އަނބުރައިގަނެގެން ވެއްޓިވަޑައިގަތްތާ އިރުކޮޅެއް ފަހުން، ރޭގެ ވަގުތެއްގައި ކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.

އަރަބި ބަހާރުގެ ތެރެއިން މިސްރުގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ޑިމޮކްރަޓިކް އިންތިހާބުގައި، ހުސްނީ މުބާރަކުގެ 30 އަހަރަށްވުރެ ގިނަ ދުވަސްވީ ވެރިކަން ނިމުމަކަށް ގެނެސް، ގައުމުގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސްގެ ގޮތުގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި މޫރުސީއަށް އެ މަގާމުގައި ހުންނެވުނީ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހުއެވެ. އެއެއަށްފަހު، މިހާރު ރިޔާސަތުގައި ހުންނެވި ޖެނެރަލް އަބްދުލް ފައްތާހު އަލް ސީސީ އިސްކޮށް ހުންނަވައިގެން އަސްކަރިއްޔާގެ އެހީއާއިއެކު ބަގާވާތެއް ހިންގަވާ، މޫރުސީގެ ވެރިކަން ނިމުމަކަށް ގެންނަވާ، މޫރުސީގެ މައްޗަށް ޖަލު ހުކުމް އިއްވާ، ބްރާދަހުޑް ޕާޓީއަކީ ޣައިރު ގާނޫނީ ޖަމާއަތެއް ކަމުގައި ކަނޑައެޅިގެންދިޔައެވެ. އަދި މޫރުސީގެ މައްޗަށް މަރުގެ ހުކުމްވެސް އިއްވިގެންދިޔައެވެ.

ބްރާދަހުޑްގެ ޕްރީޑަމް އެންޑް ޖަސްޓިސް ޕާޓީގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިސްރުގެ ސަރުކާރުން މޫރުސީ ބަހައްޓަވާފައި ހުރީ އެކަހެރި ޖަލު ގޮޅިއެއްގައި ކަމަށެވެ. ކެއިންބުއިމުގެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދީފައި ނުވާއިރު، ސިއްހީ ބޭސްފަރުވާގެ ހިދުމަތްވެސް ފޯރުކޮށްދީފައި ނުވާކަމަށާ، އެންމެ އަސާސީ އިންސާނީ ހައްގުތަކަށްވެސް އިހުތިރާމްކޮށްފައި ނުވާކަމަށް އެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފައެވެ.

މޫރުސީ އަވަހާރަވީއިރު އުމުރުފުޅަކީ 67 އަހަރެވެ.