މިޞްރުގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ޑިމޮކްރަޓިކް އިންތިހާބު ކާމިޔާބު ކުރެއްވި އެގައުމުގެ ކުރީގެ ރައީސް މުޙައްމަދު މޫރުސީ އަވަހާރަވެއްޖެއެވެ.

އަސްކަރީ ބަޣާވާތަކުން ވެރިކަން ވައްޓާލުމާއެކުހެން ޖަލުގައި ދުވަސްތައް ގުނުއްވަމުން ގެންދަވާ މޫރުސީ އަވަހާރަވީ، ސަރިޔަތުގެ މަޖިލީހަށް ހާޒިރުކުރެވުނު ފަހުންކަމަށް މިސްރުގެ ދައުލަތުގެ މީޑިއާއާއި ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.

މިސްރުގެ ދައުލަތުގެ މީޑިއާއިން ބުނީ މޫރުސީ އަވަހާރަވީ ސަރިޔަތުގެ މަޖިލީހަށް ފަހު އަނބުރާގަނެގެން ވެއްޓިވަޑައިގަތުމަށް ފަހުގައި ކަމަށެވެ.

ހުސްނީ މުބާރަކުގެ 30 އަހަރަށްވުރެ ގިނަ ދުވަސްވީ ވެރިކަން ވައްޓާލުމަށްފަހު 2011 ވަނަ އަހަރުގެ އަރަބި ބަހާރުގެ ތެރެއިން މިސްރުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި މޫރުސީއަށް ވެރިކަމުގައި ހުންނެވުނީ ދޮޅު އަހަރެއްހާ ދުވަހުއެވެ. މޫރުސީގެ ވެރިކަން ވައްޓާލާފައިވަނީ މިހާރުގެ ރައީސް ޖެނެރަލް އަބްދުލް ފައްތާހު އަލް ސީސީ އިސްކޮށް ހުންނަވައިގެން ހިންގެވި އަސްކަރީ ބަޣާވާތުންނެވެ. އެއަށްފަހު، މޫރުސީ ނިސްބަތްވެވަޑައިގަންނަވާ މުސްލިމު ބްރާދާހުޑް އަކީ ޣައިރު ގާނޫނީ ޖަމާއަތެއް ކަމުގައި މިސްރުން ވަނީ ކަނޑައަޅާފައެވެ.