މިއީ ރާއްޖެއަށް އެހީތެރިވާންވީ ވަގުތު ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.
މިއަދު ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ ޕާޓްނާޝިޕް ފޯރަމްގައި ވާހަކަ ދައްކަވަމުން އިންޑިއާ ސަފީރު ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުން އަރައިގަނެ، މުޅި ގައުމަށް ހަމަހަމަ ތަރައްގީ ގެނައުމުގައި މުޅި ދުނިޔެއަށް އަލިގަދަ މިސާލެއް ގާއިމު ކުރުމުގެ ގާބިލުކަން ހުރި ކަމަށާއި، އެ ތަސައްވަރަށް ވާސިލް ވުމަށް މިއީ ރާއްޖެއަށް އެހީތެރިވާންވީ ވަގުތު ކަމަށެވެ. އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ރަނގަޅު ކުރުމަށްޓަކައި އިންޑިއާގެ ގާބިލުކަން ހުރި މިންވަރަކުން އެއްވެސް ޝަރުތަކާ ނުލާ އެހީތެރިވާން ތައްޔާރަށް އޮތް ކަމަށެވެ.
އިންޑިއާ ސަފީރު ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަރަހައްދަށް ހަމަޖެހުމާއި ތަރައްގީ ގެނައުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ތަސައްވަރު ހަގީގަތަކަށް ހެދުމަށްޓަކައި ރާއްޖެއަކީ މުހިންމު ބައިވެރިއެއް ކަމަށެވެ. އިންޑިއާގެ 'ނެއިބާހުޑް ފަސްޓް' ސިޔާސަތުގެ ދަށުން މިފަހުން ރާއްޖެއަށް ދިން 1.4 ބިލިއަން ޑޮލަރުގެ މާލީ ޕެކޭޖަކީ، އިގުތިސޯދު ކޮޅަށްޖަހައި ދަރަނި ކުޑަކުރުމަށް ދިވެހި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި އިންޑިއާ އިން އަބަދުވެސް އެހީތެރިވެދޭނެ ކަމުގެ ހެއްކެއް ކަމަށް ސަފީރު ވިދާޅުވިއެވެ.
ޖުމްލަ 60 އަށް ވުރެ ގިނަ ވަފްދު މި ފޯރަމްގައި ބައިވެރިވާއިރު އޭގެތެރޭގައި 35 އަކަށް ވުރެ ގިނަ ގައުމާއި އަދި 27 އަށް ވުރެ ގިނަ ބޭރުގެ ޖަމިއްޔާތައް ބައިވެރިވެއެވެ. މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ކުރިއަށް ދާއިރު މިއީ މި ފޯރަމް ރާއްޖޭގައި ބާއްވާ ހަތަރުވަނަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ. މި ފޯރަމް އެންމެ ފަހުން ރާއްޖޭގައި ބާއްވާފައި ވަނީ މީގެ 10 އަހަރު ކުރިންނެވެ.
ޙަކުރުދެންޔާ ބޮޑުބޭބެ...