ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ހަބުތައް ހަދާ މުޅި ރާއްޖެ ފެރީގެ ނިޒާމަކުން ގުުޅުވާލަން ކުވެއިތު ފަންޑުން އެހީތެރިވާނެކަމަށް ބުނެފިއެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު ފެށި "މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް" ގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތައް ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭން ވަނީ ހުށަހަޅާފައެވެ. އަދި އެކަމަށް ބޭނުންވާ ހާއްސަ ދަތުރުފަތުރުގެ ނިޒާމް ޑިޒައިިން ކުރުމަށް ބޭރުގެ އެހީތެރިކަން ބޭނުންވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

މި ޕްލޭން ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، ރައްޖޭގެ ފަސް ސަރަހައްދެއްގައި ރީޖަަނަލް ހަބް ގާއިމް ކުރުމަށް ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އަދި މިހާރު އެކުލަވާލާފައިވާ ޕްލޭނަކީ އާބާދީގެ ނިސްބަތުން އިގްތިސޯދަށް އެކަށީގެންވާ ދައުރެއް އަދާ ކުރެވޭނެ ސަރަހައްދުތަކަށް ބަަލައިގެން އެކުލަވާލާފައިވާ ޕްލޭނެއް ކަމަށެވެ.

މައި ހަބުތައް ގާއިމުކުރާ ސަރަހައްދުތައް؛

ކުޅުދުއްފުށި

ނައިފަރު

ތިނަދޫ

ގަން

މިނިސްޓަރު ވިދާޅުވީ އާބާދީގެ ނިސްބަތަށް ބަލާއިރު، ވަކިވަކިން ހުރިހާ ރަށްތަކެއްގައި ތައުލީމާއި ސިއްހީ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި އެގޮތަށް އެކަން ކުރަން ވިސްނައިފިނަމަ، ސަރުކާރަށް މާލީ ގޮތުން ވަރަށް ބޮޑު ބުރައަކަށް ވެގެންދާނެ ކަމަށާއި، ފަސް ރީޖަނަލް ހަބާއެކު އިތުރު ނުވަ ސަބް ރީޖަނަލް ހަބް ވެސް ގާއިމު ކުރައްވާނެ ކަމަށެވެ.

ފެރީ ނިޒާމާއެކު ކަނޑައެޅޭ ފަސް ހަބުގެ އިތުުރުން، ފަސް ރީޖަނަލް އެއާޕޯޓެއް ގާއިމް ކުުރަން ޖެހޭކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"ސަރުކާރުގެ ވިސްނުމަކީ ކޮންމެ ރަށަކުން ވެސް މަދުވެގެން 20 މިނެއްޓު ތެރޭގައި އެއާޕޯޓަކަށް ދެވޭނެ ގޮތަށް އެއާޕޯޓްތައް ތަރައްގީ ކުރުން،"
ޕްލޭނިން މިނިސްޓަރު އަސްލަމް

މިނިސްޓަރު ވިދާޅުވީ މި ސްޕެޝަލް ޕްލޭން ކާމިޔާބު ކުރުމަށްޓަކައި މިހާރުން މިހާރަށް ބޭނުންވަނީ އެ ހަބުތައް ގުޅާލާނެ ރަނގަޅު ފެރީ ނިޒާމެއް ގާއިމު ކުރުން ކަމަށެވެ. ނަމަވެސް އެކަމަށް ބޭނުންވާ ފަންނީ ގާބިލު ކަމެއް ނެތް ކަން ފާހަގަ ކުރައްވާ ފޯރަމް ތެރެއިން އެކަމަށް އެހީތެރިވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

ފޯރަމްގައި ހުޅުވާލި ފުރުސަތުގައި ކުވެއިތު ފަންޑު ތަމްސީލް ކުރައްވާ މަންދޫބު ވަނީ މިނިސްޓަރުގެ އެދިވަޑައިގެންނެވުމަށް އިޖާބަ ދެއްވާ އެކަމަށް އެހީތެރިވެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. ކުވެއިތު ފަންޑުގެ މަންދޫބު ވިދާޅުވީ އެ ފަންޑުން 1976 އިން ފެށިގެން އެހީތެރިވަމުން އަންނަ ކަމަށާއި، މިނިސްޓަރު އަސްލަމް ހުށަހެޅުއްވި ދަތުރުފަތުރުގެ ނިޒާމަށް ބޭނުންވާ އެހީތެރިކަން ކުވެއިތު ފަންޑުން ފޯރުކޮށްދޭނެ ކަމަށެވެ.