ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްތޯ ނުވަތަ ނޫންތޯ ރައްޔިތުންގެ މަޖިލީހަކަށް ނުނިންމޭނެކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލި ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ ރޭ ބޭއްވި ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. ރޭ ބޭއްވި ކޮމިޓީއަަކީ ޖޭއެސްސީން ނިންމި ނިންމުން ސައްހަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ކަނޑައަޅަން ޖެހޭ ގޮތަށް ފާސްކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމެކެވެ. މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

މި މައްސަލައިގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ޖޭއެސްސީގެ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ނުވަތަ ނޫންކަމަށް މަޖިލީހަކަށް ކަނޑަނޭޅޭނެ ކަމަށެވެ. އަދި ޖޭއެސްސީން ކަމެއް ގޯސްކޮށް ކުރާނަމަ ނުވަތަ ސުޕްރީމް ކޯޓުން އެކަމާ ބެހޭނަމަ ޖޭއެސްސިއަށް އެދިގެން އަދި ގާނޫނުތަކަށް ބަދަލު ގެނެސްގެން ނަމަވެސް މަޖިލީހަށް އިޖްރާއަތުގެ ތެރެއިން އެ ފަނޑިޔާރުން ވަކިކުރެވިދާނެ ކަމަށެވެ.

"އަޅަންޖެހެ ފިޔަވަޅުތައް އަޅަންވީ. ނަމަވެސް ކޮމިޝަން ނުވަތަ މިނިވަން މުއައްސަސާއަކުން ނިންމާ ނިންމުންތައް ގާނޫނީ ހައިސިއްޔަތާމެދު ރަނގަޅުތޯ ނުވަތަ ނޫންތޯ ކަނޑައަޅާ ބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ނުވެވޭނެ. އެހެންވާނަމަ އަޅުގަނޑުމެންނަށް އެކުރެވެނީ ޖުޑީޝަލް ރިވިއުއެއް. އެ ބާރަކީ މަޖިލީހަށް ލިބިފައިވާ ބާރެއް ނޫން،"
އަލީ ހުސައިން

އަލީ ހުސައިން ވިދާޅުވީ މަޖިލީހުގައި އޮންނަނީ މައިގަނޑު ދެ މަސައްކަތް ކަމަށާއި، އެއީ ގާނޫނު ހެދުމާއި ޖަވާބުދާރީ ކުރުުވުން ކަމަށވެެ. އަދި ބަޖެޓަރީ ފަންކްޝަން އަކީ ވެސް ޖަވާބުދާރީ ކުރުމުގެ ތެރެއިން އަންނަ މަސައްކަތެއްކަން ފާހަގަ ކުރައްވަމުން އަލި ހުސައިން ވިދާޅުވީ އޭގެ ތެރޭގައި ޖުޑީޝަލް ރިވިއުގެ މަސައްކަތެއް ނުހިމެނޭ ކަމަށެވެ.

"މިސާލަކަށް ޖޭއެސްސީ އަދި އެހެން މުއައްސަސާއަކުން ވެސް ކަމެއް ގޯސްކޮށް ކޮށްފިނަމަ އެކަން ނޮޓިފައި ކުރިވިދާނެ. އަޅުގަނޑުމެންނަށް ފުލެގް ރެއިސް ކުރެވިދާނެ. އަޅުގަނޑުމެންނަށް ބުނެވިދާނެ ކަންކަން ރަނގަޅު ކުރާށޭ. ގޯސްކޮށް ކުރަންޏާ އެމީހުން ވަކިވެސް ކުރެވިދާނެ. އެހެންނަމަވެސް މަޖިލީހަށް ލިބިފައިވާ އިހްތިސޯސެއް ނޫން، މަޖިލީހަށް ލިބިފައިވާ ބާރެއް ނޫން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމި ނިންމުމެއްކަން ނުވަތަ ނޫންކަން ކަނޑައެޅުން،"
އަލީ ހުސައިން

އަލީ ހުސައިން ވިދާޅުވީ ޖެއެސްސީގެ ނިންމުން ރަނގަޅުކަމަށް ނުވަތަ ނޫންކަމަށް ނިންމައިފި ނަމަ މަޖިލީހަށް މަސައްކަތް ކުރެވެނީ ކޯޓެއްގެ ގޮތުގައި ކަމަށެވެ. އަދި މިއީ ކަންބޮޑުވާކަމެއް ކަަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އޮތީ ސުޕްރިމަސީ އޮފް ދަ ޕާލަމެންޓެއް ނޫން ކަމަށާއި، ރާއްޖޭގައި އޮންނަނީ ސުޕްރިމަސީ އޮފް ދަ ކޮންސްޓިޓިއުޝަން ކަމަށެވެ. އަދި އެންމެ މަތީގައި އޮންނަނީ ގާނޫނު އަސާސީ ކަމަށާއި، ގާނުނު އަސާސީއަށްވުރެ މަތީގައި މަޖިލިސް ނޯންނާނެ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ވެސް ހިނގަން ޖެހޭނީ ގާނޫނު އަސާސީގެ ދަށުން ކަމަށެވެ. އަދި ރާއްޖޭގައި ލިޔެފައި އޮންނަ ގާނޫނު އަސާސީގައި އޮންނަނީ އެންމެ މަތީގައި އޮންނާނީ ގާނޫނު އަސާސީ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހަކަށް ގާނޫނު އަސާސީއަށްވުރެ މައްޗަށް ނުދެވޭނެކަމަށެވެ.