އެމެރިކާގެ ތާރީހުގައިވެސް އެގައުމު ދުށް އެންމެ ނާމާން ދުވަހުގެ ގޮތުގައި ސިފަކުރަމުން އަންނަ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11ގެ ހާދިސާގެ ސަބަބުން އެކި ކަހަލަ ގެއްލުންތަކާ ސީދާ ގޮތުން ކުރިމަތިލާންޖެހުނު ފަރާތްތަކަށް ދާއިމީ ބަދަލެއް ދިނުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

ކުރިއަށް އޮތް 70 އަހަރަށް ބަދަލު ދިނުމަށް ނިންމި ފަރާތްތަކުގެ ތެރޭގައި ސެޕްޓެމްބަރު 11ގެ ހަމަލާ އަމާޒުވުމާއެކު ހާދިސާ ހިނގި ސަރަހައްދަށް އެންމެ ފުރަތަމަ ދިޔަ ފަސްޓް ރެސްޕޯންޑާޒް ޓީމުގައި ހިމެނޭ އަލިފާން ނިއްވާ މީހުންނާ، ބިނާވެށީގެ މަސައްކަތުގައި އުޅުނު މީހުންނާ ހަމަލާގެ ސީދާ ޝިކާރައަކަށްވީ މީހުން ހިމެނެއެވެ.

މީގެ ތެރެއިން ގިނަ މީހުންނަކީ އެދުވަހުގެ ހާދިސާއާއި ގުޅިގެން ހަށިގަނޑުގެ ތެރެއަށް ވިހަ މާއްދާތައް ދަތުރުކުރުމުގެ ސަބަބުން ނޭވާލާ ނިޒާމުގެ ތަފާތު ބަލިތަކާ، ސީރިއަސް ސިއްހީ މަސައްލަތަކުގެ އިތުރުން ކެންސަރު ބައްޔާވެސް ހަނގުރާމަ ކުރަމުންދާ މީހުން ކަމަށް ބަދަލު ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވާ ޓީވީ ތަރި ޖޯން ސްޓުވާޓް ވަނީ ބުނެފައެވެ.

މިކަން ކުރުމަށް 18 އަހަރު ދުވަސް ހޭދަވީ ކަމީ ލަދު ގަންނަންޖެހޭ ކަމެއް ކަމަށް ސެނެޓްގެ ޑިމޮކްރަޓިކް ލީޑަރު ޗަކް ޝޫމާ ވަނީ ސިފަކުރައްވާފައެވެ.