މިއަހަރު މިހާތަނަށް ޑެންގީ ހުން ޖެހިގެން 2485 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ކޮންމެ ހަފްތާއަކު އެއްފަހަރު އެ އެޖެންސީން އާންމުކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޑެންގީ ހުން އަދި ޗިކުންގުންޔާ ޖެހިގެން ރިޕޯޓް ކޮށްފައިވާ މިންވަރު މިހަފްތާގައި ވެސް ވަނީ އުފުލިފައެވެ. އެގޮތުން މިދިޔަ ހަފްތާގައި އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިމަހު ހަ ވަނަ ދުވަހުގެ ނިޔަލަށް ޑެންގީ ހުން ޖެހުނު މީހުންގެ އަދަދަކީ 2411 ކެވެ. ނަމަވެސް މި ހަފްތާގައި އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަދަދު ވަނީ 2485 އަށް އަރާފައެވެ.

އެޗްޕީއޭއީން ބުނީ މިއަހަރުގެ މިހާތަނަށް 2411 ޑެންގީ ކޭސް ރިޕޯޓްކޮށްފައިވާ އިރު، ވޭތުވެދިިޔަ ތިން އަހަރުގެ މި ދުވަސްވަރާ އަޅާބަލާ އިރު، މިއަހަރުގެ މި ދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރަމުންދާ އަދަދު ވަނީ ދަށްވެފައި ކަމަށެވެ. މި މަހުގެ ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ހދ، ދ އަދި ލ އަތޮޅުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ޗިކުންގުންޔާ ޖެހޭ މިންވަރު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރު މިހާތަނަށް ޗިކުންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވަނީ 1190 މީހެކެވެ. ނަމަވެސް މިމަހު މި އަދަދު ވަނީ 1208 އަށް އަރާފައެވެ.

ޗިކުންގުންޔާ ޖެހިގެން މިއަހަރުގެ މިހާތަނަށް 1208 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އެޗްޕީއޭއިން ބުނީ މިއަހަރުގެ ޖެނުއަރީން ފެށިގެން މިއަދާ ހަމައަށް ޗިކުންގުންޔާގެ ކޭސްތައް އިތުރުވަމުން އަންނަ ކަމަށެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ޗިކުންގުންޔާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ރ އަތޮޅާއި ގއ އަތޮޅު އަދި މާލެއިންނެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ވިއްސާރަ ކުރާ ދުވަސްވަރަކަށް ވުމާއި އެކު، ތަންތަނުގައި ފެން ހަރުލާ، މަދިރި އާލާވުމުގެ ފުރުސަތު ވަނީ އިތުރު ވެފައެވެ. އެގޮތުން، މަދިރި އިތުރަށް އާލާވުމަކީ ޑެންގީ ހުން އަދި ޗިކުންގުންޔާ ފަދަ ބަލިތައް ގިނައިން ފެތުރުމަށް މެދުވެރިވާ ސަބަބެކެވެ.