އިއުލާން ކުރުމެއްނެތި އެއްވެސް މީހަކަށް ފުލެޓް ދީފައި ނުވާނެކަމަށް ހައުސިން މިނިސްޓްރީން ބުނެެފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ، ރަށްރަށުގައި ފުލެޓް ދޫކުރުމުގެ ކަންކަން މިހާރު ހަވާލުކޮށްފައި ވާނީ އެ ރަށެއްގެ ރަށު ކައުންސިލަށް ކަމަށާއި، އެކަންކަން ކުރުމުގައި ކައުންސިލުން ގޮތް ނިންމުމުގެ ފުރުސަތު ދީފައިވާނެ ކަމަށެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ އެ މިނިސްޓްރީން ހުރިހާ ރަށްރަށުގައި ފުލެޓް ދީފައި ތިބި މީހުންނާއި ނުދީ ތިބި މީހުންގެ މައުލޫމާތު ހިމެނޭ ހުރިހާ ލިޔެކިޔުންތަކެއް ރަށު ކައުންސިލްތަކާއި ހަވާލުކޮށްފައިވާނެ ކަމަށެވެ. އަދި އެކަން މިހާރު ކުރިއަށް ގެންދަނީ ކައުންސިލްތައް މެދުވެރިކޮށް ކަމަށާއި، ލިސްޓް ފައިނަލްކޮށް އާންމު ކުރާނީ އެ ކައުންސިލްތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާމިން ވިދާޅުވީ ދިއްދޫ ކައުންސިލުން އާންމުކޮށްފައި ވަނީ ފުލެޓް ދޭނެ ލިސްޓެއް ނޫން ކަމަށެވެ. އަދި އެއީ ވަގުތީ ލިސްޓެއް ކަމަށާއި، ލިސްޓު އާންމުކޮށްފައި ވަނީ ޝަކުވާ ހުށަހެޅުމަށް ކަމަށެވެ.
ޝާމިން ވިދާޅުވީ ރަށްރަށުން ފުލެޓް ދީފައި ހުރިގޮތް ކަމުނުދާކަމުގައިވާނަމަ، އެއްކޮށް ބާތިލްކޮށް އަލުން އިއުލާން ކުރަން ފުރުސަތު ދީފައިވާނެ ކަމަށެވެ. ނުވަތަ މިހާރު ހުރި ލިސްޓްތައް ނުވަތަ ކުރިމަތިލި މީހުން ތިބިގޮތަށް މައްސަލަތައް ހައްލުކޮށްގެން ކުރިއަށްގެންދަން ވެސް ހުއްދަ ދީފައިވާނެ ކަމަށެވެ.
"ދެން ގިނަ ރަށްރަށުން ނިންމީ (ތިނަދޫ، ދިއްދޫ، ކުޅުދުއްފުށި) ކުރިއަށް ގެންދަން މިހާރު އޮތްގޮތަށް އޭގައި ހުރި މައްސަލަތައް ހައްލުކޮށް. އިންތިހާބާ ދިމާކޮށް ގިނަ ރަށްރަށުގައި ހުރީ ތަޅުދަނޑިތައް ބަހާލާފައި. އެގްރީމެންޓް ނުކޮށް. ދެން އެ މައްސަލަ ހައްލުކުރަން ކައުންސިލުން މަސައްކަތް ކުރަނީ،" ޝާމިން ވިދާޅުވިއެވެ.
ޝާމިން ވިދާޅުވީ ދިއްދޫ ކައުންސިލުން ފުލެޓަށް އިއުލާން ނުކޮށް ފުލެޓް ދިންކަމަށް ދުވަހު ނޫސް "ވަގުތުގައި" ލިޔެފައިވަނީ ދޮގު ހަބަރެއް ކަމަށެވެ. އޭނާ ވިދާޅުވީ ދިއްދޫ ކައުންސިލުން އާންމުކޮށްފައި ވަނީ މިދިޔަ ސަރުކާރުން އިއުލާން ކުރުމުން ކުރިމަތިލި މީހުންގެ ލިސްޓެއް ކަމަށެވެ. އަދި އެ ލިސްޓް ކައުންސިލުން ރިވިއު ކޮށް ރިވައިސްކޮށްފައި އެމީހުންނަށް ގެންނަން ފެންނަ ބަދަލުތައް ގެނެސް އަލުން ލިސްޓު އާންމުކޮށްފައިވާ ކަމަށް ޝާމިން ވިދާޅުވިއެވެ.
ޝާމިން ވިދާޅުވީ ފުލެޓަށް ކުރިމަތިލާން ކުރި އިއުލާން އެބައޮތް ކަމަށެވެ. ދިއްދޫ ކައުންސިލުން ކަންކަން އެކުރަނީ ކުރިން ކުރި އިއުލާނާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުން އަތޮޅު ތެރޭގައި 1500 ފުލެޓް އިމާރާތްކޮށްފައިވާ އިރު، މިދިޔަ ސަރުކާރުން ލިސްޓް ބަހައިގެން ފުލެޓް ދިންކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މި މައްސަލަތައް ބެލުމަށް މި ސަރުކާރުން ވަނީ ކޮމިޓީއެއް އުފައްދަވާފައެވެ.