މި އަހަރުގެ ދަައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުން، ޕީޕީއެމް ފިޔަވައި އެހެން ހުރިހާ ޕާޓީތަކަށް ފައިސާ ދީފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ޕީޕީއެމް ފިޔަވައި އެހެން ތިން ޕާޓީއަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ. ފިނޭންސް މިނިސްޓްރީން ފައިސާ ދޫކޮށްފައިވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދި އެމްޑީއޭ އަށެވެ. ފިނޭންސުން ބުނެފައިވަނީ އެ މިނިސްޓްރީން ފައިސާ ދޫކުރަނީ އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާ ގޮތަށެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ ޕީޕީއެމް ހިމެނޭގޮތަށް ހަތަރު ޕާޓީއަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ފިނޭސުން މިއަދު ބުނީ އިލެކްޝަނުން ފައިސާ ދޫކުރުމަށް ހުށަހަޅާފައި ވަނީ ތިން ޕާޓީއެއްގެ ނަން ކަމަށެވެ. އޭގެ ތެރޭގައި ޕީޕީއެމް ނުހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕީޕީއެމްއަށް ވެސް ފައިސާ ދޫކުރުމަށް ރިކުއެސްޓް ފޮނުވާފައިވާނެ ކަމަށެވެ. އަދި އިސީން އެއްވެސް ޕާޓީއެއްގެ ފައިސާ ހިފަހައްޓާފައި ނުވާނެ ކަމަށެވެ.
ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީ، ޕީޕިއެމް، ޖޭޕީ އަދި އެމްޑީއޭއެވެ. އެގޮތުން އެމްޑީޕީއަށް 12.7 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު، ޕީޕީއެމަށް ދިނުމަށް ހަމަޖެހިފައިވަނީ 9.2 މިލިއަން ރުފިޔާއެވެ. އަދި ޖޭޕީއާއި އެމްޑީއޭއަށް 2 މިލިއަން ރުފިޔާ ދިނުމަށް ވަނީ އެދިފައެވެ.
އީސީން ވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދާ ހިލާފުވުމުގެ ސަބަބުން ދެ ޕާޓީއެއް ޖޫރިމަނާވެސް ކޮށްފައެވެ. އެގޮތުން އެމްޑީޕީ 60،000 ރުފިޔާއިން ޖޫރިމަނާކުރި އިރު، ޕީޕީއެމް ވަނީ 95،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގެ ނިޔަލަށް 29663 މެންބަރުން އެމްޑީޕީގައި ތިބިކަމަށް އީސީގެ ތަފާސް ހިސާބުތަކުން ދައްކާ އިރު، މިދިޔަ އަހަރުގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 54950 އަށް އަރާފައެވެ. ޕީޕީއެމްގެ މެންބަރުންގެ އަދަދު މިދިޔަ ނޮވެމްބަރު 28 ގެ ނިޔަލަށް 48240 ތިބި އިރު، މިދިޔަ އަހަރުގެ ނިޔަލަށް އެ އަދަދު ވަނީ 40227 އަށް ދަށްވެފައެވެ. ޖޭޕީގައި މިދިޔަ އަހަރުގެ ނިޔަލަށް 8837 މެންބަރުން ތިބި އިރު، އެމްޑީއޭގައި ތިބީ 8716 މެންބަރުންނެވެ.
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދިނުމަށް 26.2 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އެންމެ ގިނަ ފައިސާ ލިބެނީ އެމްޑީޕީއަށެވެ.