ގިނަ ދަރިވަރުން ތަކަކަށް މަތީ ތައުލީމުގެ ލޯން ނުލިބުނު މައްސަލަ ހައްލުކުރަން މާދަމާ އަލުން އެފުރުސަތު ހުޅުވާލާނެ ކަމަށްް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވި ކަމަށް "ފަހުރުވެރިި އާއިލާ" ކޮމެޓީގެ މެންބަރު އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އުފައްދާފައިވާ "ފަހުރުވެރިި އާއިލާ" ކޮމެޓީގެ މެންބަރުންނާއި ޕާލަމެންޓްރީ ގުރޫޕުގެ މެންބަރުން މިއަދު ވަނީ މަތީ ތައުލީމް ލޯނުގެ މައްސަލައިގައި މިނިސްޓަރާއި ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައެވެ. މި ކޮމިޓީގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވެސް ހިމެނިވަޑައިގަންނަވައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ސްކޯލާޝިޕް ލޯނާ ބެހޭގޮތުން ހުރި ކަންބޮޑުވުންތައް ހަޔާ އެޑިއުކޭޝަން މިނިސްޓަރާ ހިއްސާ ކުރެއްވުނު ކަމަށެވެ. އަދި ކަންކަން ރަނގަޅުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅު ފުއްދުމަށް މިނިސްޓަރު ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި މާދަމާ އަލުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިކަމަށް ސަލީމް ވިދާޅުވިއެވެ.

މެންބަރުން މިނިސްޓަރާއެކު ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ފޯމްތަކުގައި މައްސަލައެއް ޖެހިއްޖެނަމަ އެކަން ދަރިވަރުންނަށް ކުރީ ބައިގައި އެންގުމާއެކު އަލުން އެކަންކަން ރަނގަޅުކުރުމުގެ ފުރުސަތު ދިނުމާއި، އޮންލައިން ޕޯޓަލްގައި ދިމާވި މައްސަލަތަކުގެ ސަބަބުން ދަރިވަރުންގެ ފޯމްތައް ބާތިލްވެގެން ނުވާނެކަމާއި، އާންމުކޮށް އެންމެން ބައިވެރިކޮށްގެން ލޯން ސްކީމް ކުރިއަށް ގެންދިއުން ހިމެނެއެވެ.

މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން އާޒިމް ވިދާޅުވީ ލޯން މައްސަލައިގައި ހުރި ކަންބޮޑުވުންތައް މިނިސްޓަރާއި ހިއްސާކުރައްވާފައިވާ ކަމަށެވެ. އަދި ދިމާވި މައްސަލަތައް ހައްލުކުރުމަށް މިނިސްޓަރަށް ހުށަހެއްޅުއްވުމުން އެކަމާ ވިސްނާ ވަޑައިގެން އަލުން ފުރުސަތު ދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް މިނިސްޓަރު ވިދާޅުވިކަމަށް އާޒިމް ވިދާޅުވިއެވެ.

"މީގައި އެބަހުރި ކުރިން މިނިސްޓްރީ ހިންގުމުގައި ދިޔަ މައްސަލަތަކެއް. މީގެ ކުރީގައި އެކަން ކުރި ގޮތަށް ކުރަން ދިމާކުރީމަ ނުވަތަ ކުރެވޭތީ މައްސަލަތަކެއް ހުރިކަމަށް މިނިސްޓަރު ފާހަގަކުރެއްވި. އަދި އެކަންކަން ހައްލުކޮށް އަންނަ ހަފްތާގައި އަލުން ފުރުސަތު ހުޅުވާލާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި" އާޒިމް ވިދާޅުވިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވަނީ ލޯން ލިބުނީ 79 ފަރާތަކަށް ކަމަށެވެ. އަދި ގިނަ ފަރާތްތައް ޑިސްކޮލިފައިވީ އާންމު ކުރެވުނު އުސޫލާ އިއުލާނާ ހިލާފަށް އެޕްލިކޭޝަން ހުށަހެޅިފައިވާތީ ކަމަށެވެ.

މިދިޔަ މާޗް މަހުގެ 21 ގައި މަތީތައުލީމް ލޯނުގެ 242 ޖާގައަށް މިނިސްޓްރީން އިއުލާން ކުރިއެވެ. އަދި އެންމެ ގިނައިން ލޯނަށް އެދިފައިވަނީ ބޭނުން ދާއިރާއަކުން ވަކި ގައުމުތަކުން ކިޔެވުމަށް ހުޅުވާލި ފުރުސަތަށެވެ. އެ ދާއިރާއިން 332 މީހުން ލޯނަށް އެދުނެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި މަތީ ތައުލީމަށް 54 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ. ތިން ޕަސެންޓުގެ އިންޓްރެސްޓާއެކު ދޭ މި ލޯން ދައްކަން ޖެހެނީ ކިޔެވުން ނިމޭތާ ހަ މަސް ފަހުން 20 އަހަރަށް ބަހަލައިގެންނެވެ.