އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރައްވާނީ ހިންދީ ބަހުން ކަމަށް މަޖިލިސް އިދާރާއިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، މޯދީ މިއަދު މަޖިލީހުގެ ތަޅުމުގައި ތަގުރީރު ކުރައްވާނީ، އިންޑިއާގެ ރަސްމީ ބަސް ކަމަށްވާ، ހިންދީ ބަހުން ކަމަށެވެ. އަދި މޯދީ ތަގުރީރު ދެއްވަމުން ގެންދަވާ އިރު، ދިވެހި ތަރުޖަމާ އަޑުއިވޭޭނެ އިންތިޒާމު މަޖިލީހުގެ އިދާރާއިން ހަމަޖައްސާފައި ވަނީ ހަމަ އެކަނި މަޖިލިސް މެންބަރުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ލައިވް ބްރޯޑްކާސްޓް ކުރާ މީޑިއާ ޗެނަލް ތަކުން ވަގުތުން، މަޖިލީހުގެ ޖަލްސާ އަދި މޯދީގެ ތަގުރީރު ގެނެސްދޭ އިރު، ތަގުރީރުގެ ދިވެހި ތަރުޖަމާ ގެނެސްދެވޭނެ އިންތިޒާމްތައް ހަމަޖެއްސޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޒިއާއު ވިދާޅުވިއެވެ. ޒިއާއު ވިދާޅުވީ، މީޑިއާތަކުން ވަގުތުން ގެނެސްދޭ ޕްރޮގްރާމެއްގެ ގޮތުގައި މަޖިލިސް ގެންނަ އިރު، ސަބްޓައިޓަލްސް ނުވަތަ ތަރުޖަމާ ލިބޭނެ ގޮތް ހެދުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

ބޮޑު ވަޒީރު މޯދީ ތަގުރީރު ކުރައްވާނީ ހިންދީ ބަހުން. އަޅުގަނޑުމެން އެބަ ބަލަން ޓީވީތަކަށް ލައިވް ފީޑް ދޭއިރުވެސް ތަރުޖަމާ ފޮނުވޭނެ ގޮތެއް އޮތްތޯ
ޒިއާއު

ޒިއާއު ވިދާޅުވީ، ޓީވީތަކުން ވަގުތުން ތަރުޖަމާ ގެނެސްދެވޭ ގޮތް ނުވިއަސް، ޔަގީނުން ވެސް މެންބަރުންގެ މޭޒުމަތީގައި ހުންނަ ސިސްޓަމުން ހެޑްސެޓް މެދުވެރިކޮށް މޯދީގެ ތަގުރީރުގެ ދިވެހި ތަރުޖަމާ ވަގުތުން އަޑުއިވިވަޑައިގަންނަވާނެ ކަމަށެވެ.

މޯދީ ރާއްޖެ ވަޑައިގަންނަވަނީ މިއަދު ހަވީރު 3:00 ގައެވެ. އަދި މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ، އިރުއޮއްސި 6:45 ގައެވެ. މިއީ ދެވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށް ފަހު، މޯދީ ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.