ފަލަސްޠީނު ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ފެންވަރުގެ ބޭފުޅުންގެ މުސާރަ ބޮޑުކުރުމަށް ނިންމި ސިއްރު ނިންމުން ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށް ފަލަސްޠީނުގެ ސަރުކާރުން ވައުދުވެފައި ވާކަމަށް، އިސްރާއީލާ ފަލަސްޠީނުގެ މައްސަލައަށް ކަނޑައަޅާފައި ހުންނަވާ އދގެ މަންދޫބު ނިކޮލާއީ މްލަޑަނޯފް ވިދާޅުވެއްޖެއެވެ.

މާލީ ގޮތުން އިންތިހާއަށް ފުން އަނދަވަޅަކަށް ވެއްޓިފައިވާ ފަލަސްޠީނުގެ ސަރުކާރުގެ އިސްވެރިންގެ މުސާރައާއި އުޖޫރަ، ސިއްރުގައި ބޮޑު ކުރި މައްސަލަ އާންމުންނާ ހަމައަށް ތިލަކޮށްފައި ވަނީ އޮންލައިން ޕްލެޓްފޯމުގައި ހަރަކާތްތެރިވާ ކޮންބައެއްކަން ނޭނގޭ ޖަމާއަތެއް ކަމަށްވާ "އަގެއިންސްޓް ދަ ކަރަންޓް"އިންނެވެ.

އޮންލައިންކޮށް ލީކުކޮށްލާފައިވާ ލިޔެކިއުންތަކަށް ބަލާއިރު ފަލަސްޠީނުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ މަހު މުސާރަ %67 އިތުރު ކުރެއްވުމަށް ޕަލަސްޓައިން އޮތޯރިޓީ (ޕީއޭ)ގެ ރައީސް މަޙްމޫދު އައްބާސްވަނީ ސިއްރިއްޔާތުގައި ރުހުން ދެއްވާފައެވެ. މިއާއެކު ވަޒީރުންގެ ފެންވަރުގެ ބޭފުޅުންގެ މުސާރަ 3000 ޑޮލަރުން 5000 ޑޮލަރަށް އިތުރުވެ، ބޮޑުވަޒީރު މުސާރަ 4000 ޑޮލަރުން 6000 ޑޮލަރަށް ބަދަލުވެއެވެ.

އައްބާސްގެ މިނިންވުމަކީ 2004 ވަނަ އަހަރުގެ އެއްބަސްވުމަކާ ހިލާފު ނިންމެވުމެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މްލަޑަނޯފް ވިދާޅުވީ ފަލަސްޠީނުގެ ބޮޑުވަޒީރުކަމަށް ދާދިފަހުން އައްޔަންކުރެއްވުނު މުޙައްމަދު ޝަތިއްޔާއާއި މިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ވާނެ ކަމަށާ، މުސާރައަށް ގެނައި ބަދަލުތައް ކެންސަލް ކުރައްވަން އޭނާ އެއްބަސްވެ ވަޑައިގެންނެވި ކަމަށެވެ.

ރާމީ ޙަމްދުﷲގެ ބަދަލުގައި ބޮޑުވަޒީރު ކަމުގެ މަގާމުގައި މިހާރު ހުންނެވި ޝަތިއްޔާ މިކަމާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

އާންމުންގެ ގިނަ ބަޔަކު ދަނީ ފަލަސްޠީނު ސަރުކާރުގެ މި ސިއްރު ނިންމުމާ ދެކޮޅަށް އަޑުފުލާ، ސުވާލު އުފައްދަމުންނެވެ.

ފަލަސްޠީނުގެ ސަރުކާރުގެ އިސްވެރިންނަށް ލިބިވަޑައިގަންނަވާ މުސާރައާއި އުޖޫރައިގެ މިންވަރު އިތުރުކުރެއްވުމަށް ނިންމެވިއިރު، އާމްދަނީގެ ގޮތުގައި ފަލަސްޠީނަށް ލިބޭ ފައިސާއިން ފަލަސްޠީނަށް ލިބެނީ އިސްރާއީލުން އުނިކުރާ 10 މިލިއަން ޑޮލަރު އުނިކުރުމަށްފަހު ދެން އޮންނަ މިންވަރެކެވެ. އިސްރާއީލުގެ މި ނިންމުމުގެ ސަބަބުން މަޙްމޫދު އައްބާސް ވަނީ ޓެކްސްގެ ގޮތުގައި ފަލަސްޠީނަށް ލިބޭ އެއްވެސް ފައިސާއަކާ ހަވާލުވެވަޑައި ނުގަތުމަށް ނިންމަވާފައެވެ. މިއީ ފަލަސްޠީނަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައެވެ. ކަންމިހެންއޮތްއިރު، އދއިން އެހީގެ ގޮތުގައި ފަލަސްޠީނަށް ފޯރުކޮށްދެމުންދިޔަ ގިނަ އަދަދެއްގެ ފައިސާވެސް މިހާރުވެސް މެދުކަނޑާލާފައެވެ.