ޑެންގީ ހުން އަދި ޗިކުންގުންޔާ ޖެހޭ މިންވަރު ދަނީ އިތުރު ވަމުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ކޮންމެ ހަފްތާއަކު އެއްފަހަރު އެ އެޖެންސީން އާންމުކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޑެންގީ ހުން އަދި ޗިކުންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވާ މިންވަރު މިހަފްތާގައި ވެސް ވަނީ އުފުލިފައެވެ. އެގޮތުން މިދިޔަ ހަފްތާގައި އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު 28 ވަނަ ދުވަހުގެ ނިޔަލަށް ޑެންގީ ހުން ޖެހުނު މީހުންގެ އަދަދަކީ 2333 ކެވެ. ނަމަވެސް މި ހަފްތާގައި އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަދަދު ވަނީ 2411 އަށް އަރާފައެވެ.

އެޗްޕީއޭއީން ބުނީ މިއަހަރުގެ މިހާތަނަށް 2411 ޑެންގީ ކޭސް ރިޕޯޓްކޮށްފައިވާ އިރު، ވޭތުވެދިިޔަ ތިން އަހަރުގެ މި ދުވަސްވަރާ އަޅާބަލާ އިރު، މިއަހަރުގެ މި ދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރަމުންދާ އަދަދު ވަނީ ދަށްވެފައި ކަމަށެވެ. މި މަހުގެ ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ހދ އަތޮޅާއި ލ އަތޮޅު އަދި ހުޅުމާލެއިންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ޗިކުންގުންޔާ ޖެހޭ މިންވަރު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރު މިހާތަނަށް ޗިކުންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވަނީ 1135 މީހެކެވެ. ނަމަވެސް މިމަހު މި އަދަދު ވަނީ 1190 އަށް އަރާފައެވެ.

ޗިކުންގުންޔާ ޖެހިގެން މިއަހަރުގެ މިހާތަނަށް 1190 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އެޗްޕީއޭއިން ބުނީ މިއަހަރުގެ ޖެނުއަރީން ފެށިގެން މި މަހުގެ މިއަދާ ހަމައަށް ޗިކުންގުންޔާގެ ކޭސްތައް އިތުރުވަމުން އަންނަ ކަމަށެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ޗިކުންގުންޔާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ރ އަތޮޅާއި ގއ އަތޮޅު އަދި މާލެއިންނެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ވިއްސާރަ ކުރާ ދުވަސްވަރަކަށް ވުމާއި އެކު، ތަންތަނުގައި ފެން ހަރުލާ، މަދިރި އާލާވުމުގެ ފުރުސަތު ވަނީ އިތުރު ވެފައެވެ. އެގޮތުން، މަދިރި އިތުރަށް އާލާވުމަކީ ޑެންގީ ހުން އަދި ޗިކުންގުންޔާ ފަދަ ބަލިތައް ގިނައިން ފެތުރުމަށް މެދުވެރިވާ ސަބަބެކެވެ.