ތައިލޭންޑްގެ މަދަނީ ސަރުކާރުގެ އިސްވެރިޔާ ނުވަތަ ބޮޑުވަޒީރު ކަމުގެ މަގާމަށް، އެގައުމުގެ ބަޣާވާތުގެ ލީޑަރުގެ ގޮތުގައި މަޝްހޫރުވެފައިވާ އަސްކަރީ ޖެނެރަލް ޕްރާޔޫތު ޝާން-އޯޝާ އިންތިހާބުކޮށްފިއެވެ.

މިމަގާމަށް ޝާން-އޯޝާ އިންތިހާބުކޮށްފައިވަނީ ދާދިފަހުން ތައިލޭންޑްގައި ކުރިއަށް ގެންދިޔަ އާންމު އިންތިހާބުން އެކުލަވާލި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުންނެވެ.

މިއާއެކު "ބަޣާވާތު ލީޑަރު"ކަމުގެ ލަގަބުން، ތައިލޭންޑްގެ "މަދަނީ ބޮޑުވަޒީރު" ކަމުގެ މަގާމަށް ޝާން-އޯޝާގެ ނަންމިވަނީ ބަދަލުވެފައެވެ.

ތައިލޭންޑްގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއާއި މަތިގެއިން 500 ވޯޓު ހޯއްދަވައިގެން ޝާން-އޯޝާ ބޮޑުވަޒީރުކަން ކަށަވަރުކުރެއްވީ މަހުޖަނު އަދި ފިއުޗާ ފޯވަޑް ޕާޓީގެ ލީޑަރު ތަނާތޯން ޖުއާންގްރޫންގްރައުންގްކިޓް، ފަސޭހަ ކަމާއެކު ބަލިކުރައްވައިގެންނެވެ.

ބޮޑުވަޒީރުކަން ކަށަވަރުކުރުމަށް ބޭނުންވަނީ 375 ވޯޓެވެ.

ތައިލޭންޑުގެ ބޮޑުވަޒީރު ކަމަށް ޝާން-އޯޝާ ރަސްމީކޮށް އައްޔަންކުރެވޭނީ ރައީސް މަހާ ޖައިރަލޯންގްކޯން އެކަން ބަލައިގެންނެވުމުންނެވެ.

ވޯޓަށްފަހު ވާހަކަފުޅު ދައްކަވަމުން ތަނާތޯން ވިދާޅުވީ ރައްޔިތުން ގޮވަމުންދަނީ އިންސާފާ މިނިވަންކަމަށް ކަމަށާ، މިއީ އަދި އުއްމީދު ނަގާލަންވީ ވަގުތު ނޫން ކަމަށެވެ. ވޯޓަށްފަހު ޝާން-އޯޝާ އަދި ރަސްމީކޮށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

އަސްކަރީ ބަޣާވާތަކުން ތައިލޭންޑްގެ ވެރިކަން 2014 ވަނަ އަހަރު ވައްޓާލުމަށްފަހު މިއަހަރުގެ މާޗްމަހު އެގައުމުގައި އޮތް އިންތިހާބާ ޖެހެންދެން ވެރިކަމުގައި ހުރީ ޖެނެރަލް ޝާން-އޯޝާއެވެ.