އޭނާގެ ބެލުމުގެ ދަށުގައި ތިބި ބަލިމީހުންގެ ތެރެއިން 85 މީހަކު މަރާލި މައްސަލައިގައި ޖަރުމަނުވިލާތުގެ ނަރުހަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ބޮޑު ހަނގުރާމައަށްފަހު ޖަރުމަނުވިލާތް ދުށް އެންމެ ނުރައްކާތެރި 'ސިލްސިލާ ގާތިލު' ގެ ވަނަމުން ނަން ދީފައިވާ ނީލްސް ހޮއެގަލް އެ އަމަލުތައް ހިންގީ ކީއްވެކަން ދޭހަކުރަން ވެސް ނޭނގޭ ކަމަށް މައްސަލަ ބެލި ޣާޒީ ވަނީ ސިފަކޮށްފައެވެ.

އުމުރުން 42 އަހަރުގެ ނަރުސް ޕޭޝަންޓުން މަރާފައި ވަނީ މީހުން މަރަން ބޭނުންކުރާ ވިހަ (ލީތަލް) އިންޖެކްޝަން ޖަހައިގެންނެވެ. އޭނާގެ ޝިކާރައަކަށް ޕޭޝަންޓުން ހަދަނީ ވަކި އުސޫލެއް ނެތް "ރެންޑަމް" އޯޑަރަކަށް ކަމަށް ވެއެވެ. މިކަން އޭނާ ކޮށްފައި ވަނީ 2000 ވަނަ އަހަރާއި 2005 ވަނަ އަހަރާ ދެމެދު މުއްދަތެއްގައެވެ.

ސިލްސިލާ ގާތިލު ހޮއެގަލް ހިފިފައިވަނީ ވެސް މި އަމަލު ހިންގަނިކޮށެވެ.

އިތުރު އެހެން 6 މަރެއްގެ މައްސަލައިގައި ހޮއެގަލް މިހާރުވެސް ވަނީ 10 އަހަރެއްހާ ދުވަސް ޖަލުގައި ހޭދަކޮށްފައެވެ.

ހޮއެގަލްއާ ދެކޮޅަށް ސަރިޔަތް ކުރިއަށް ގެންދިޔައީ 130 މީހެއްގެ ހަށިގަނޑު ކޮނެގެން ނަގާ، އޮޓޮޕްސީ ވެސް ހެދުމަށްފަހުގައެވެ.

މައްސަލަ ބެލި އޯލްޑެންބާގުގެ ކޯޓުން ބުނީ، އޭނާގެ ބޮލުގައި އެޅިފައިވާ މަރުތަކުގެ އަދަދަކީ އިންސާނެއްގެ ސިކުނޑިއަށް ފަހުމުވާންވެސް ދަތި އަދަދެއްކަމަށެވެ.

ފުލުހުން ބުނާގޮތުގައި ހޮއެގަލްގެ ޝިކާރައަކަށްވީ ޕޭޝަންޓުންގެ އަދަދު 200 އަށް އެރުންވެސް އެކަށީގެންވާކަމަށެވެ.

ހުކުމް އިއްވި ދުވަހު ހޮއެގަލްވަނީ އޭނާގެ ޝިކާރައަކަށްވީ ޕޭޝަންޓުންގެ އާއިލާތަކުގެ ކިބައިން މައާފަށް އެދިފައެވެ.