ދޭތެރެ ދޭތެރެއިން މީޑިއާއަށް ތިލަވަމުން އަންނަ އެއް ވާހަކައަކީ އަވަށްޓެރި އިންޑިއާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ވާހަކައެވެ. ހާލުގައިޖެހިގެން ދިވެހިން ޖަހާލާ ފުރަތަމަ ޓަތްކާއެކު، "އަރުވާ ޖަހާފަ" އާދެއޭ ބުނާ އުސޫލުން އިންޑިއާގެ އެކުވެރިން މި ދިވެހި ފަސްގަނޑު ދިފާއާއި ސަލާމަތަށް އަންނަ ގޮތުގެ ވާހަކައެވެ. ފާޅުގައި ނޫން ނަމަވެސް، ނުސީދާ ގޮތުން ގޮވާލާ އެހީގެ އާދޭހަށް އިންޑިއާއިން ދޭ އެއްބާރުލުމާ ވަމުންދާ ހަމްދަރުދީގެ ވާހަކައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ދެވަނަ ދައުރަށް ފެށި، ހާރިޖީ ފުރަތަމަ ދަތުރުފުޅު ދިވެހިރާއްޖެއަށް ކުރައްވާކަމީ އިންޑިއާއަށް ރާއްޖެ ހާއްސަވާކަމުގެ ސާބިތު ހެއްކަކަށްވާއިރު، އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. މޯދީގެ ދަތުރުފުޅާ ދިމާކޮށް އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތަކުން މީޑިއާގެ ފަލަ ސުރުހީތައް މުއްސަނދިވެފައިވާކަމީ ލޮލަށް ފެންނަހުރި ހަގީގަތެކެވެ.
ކަންމިހެންއޮތްއިރު، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަޓިކް ބާރަށް، ދިވެހިރާއްޖެ ފަދަ ކުޑަ ގައުމެއް މިހާ މުހިންމުވީ ކޮންމެވެސް ސަބަބެއް ނެތިނުދާނެ ކަމަށް ބުއްދި ގަބޫލުކުރާ ބައެއް ކަންކަމަށް ބަލާލުމަކުން ގޯހެއް ނެތެވެ.
އެންމެ ފުރަތަމަވެސް ފާހަގަކުރަންޖެހޭ ކަމަކީ ޖިއޮގްރަފީ ގޮތުން ދިވެހިރާއްޖެ އުފެދިފައިވާ ސަރަހައްދުގެ އިސްތިރާޖީ (ސްޓްރެޓީޖިކް) މުހިންމުކަމެވެ. 1200އެއްހާ ޖަޒީރާ ރަށްތަކަކަށް ބަހާލެވިގެންދާ ދިވެހިރާއްޖެ އޮންނަނީ ދެކުނު އޭޝިއާ ބައްރަށް ބޭނުންވާ ހަކަތަ ފަދަ މުހިންމު ވަސީލަތްތައް ކަނޑުމަގުން ފޯރުކޮށްދެވެން އޮންނަ މައި ޝިޕިންގްލޭނުތަކުގެ ތެރޭގައިކަމެވެ. ރާއްޖެއާއި އިންޑިއާގެ މަސްރަހު ދިރާސާކުރަމުންދާ ބައިނަލްއަގުވާމީ ޑިޕްލޮމަސީގެ މަސްއޫލުވެރިން ބުރަވާ ގޮތުގައި، ދިވެހިރާއްޖޭ "ހާލެއްގައިޖެހޭ" ދުވަހަކު އަސްކަރީ އެއްބާރުލުން ދިނުމަށް އިންޑިއާ އެލާޓުގައި އޮންނަ އެންމެ ބޮޑު ސަބަބަކީވެސް މިއީއެވެ.
ބައިނަލްއަގުވާމީ ޖިއޯ-ޕޮލިޓިކަލް ޑިޕްލޮމަސީއަށް ނަޒަރު ހިންގާއިރު، ފޭރުމާއި ދެކޮޅަށް ކަމަށް ބުނެ މީގެ 10 ވަރަކަށް އަހަރު ކުރިން ޗައިނާއިން ހިންދުކަނޑުގައި އަތްފުނާ އަޅަން ފެށިފަހުން، ދިވެހިރާއްޖޭގެ މުހިންމުކަން އިންޑިއާއަށް ވަކިން ބޮޑެވެ. ޗައިނާގެ 'އެންޓިޕައިރަސީ' އޮޕަރޭޝަންތައް ހިންދުކަނޑާ ގަލްފް އޮފް އޭޑަންއަށް ފުޅާކުރުމާއެކު އިންޑިއާއިންވެސް ސަރަހައްދީ ބާރުވެރިކަން ދިފާއުކުރުމަށް ގަދައަޅާ މަސައްކަތްކުރަން ޖެހުނެވެ.
ސަލާމަތީ އަދި ދިފާއީ ހާލަތްތަކަށް ރިއާޔަތްކޮށް ދެކުނު އޭޝިއާގެ ވަރުގަދަ ބާރެއްގެ ގޮތުގައި އިންޑިއާ އޮންނަން ބޭނުންނަމަ މި ކުޑަކުޑަ ދިވެހިރާއްޖޭގެ އެހީތެރިކަން އިންޑިއާއަށް ބޭނުންވާކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.
ދިފާއާއި ސަލާމަތުގެ ކަންކަން ގޮސް ގުޅެނީ އިގުތިސޯދީ ބާރުވެރިކަމާ ކަމަށްވާއިރު، ޗައިނާއިން އޮތީ ކުރީގައެވެ. އިންޑިއާއިން 1 ފިޔަވަޅު ކުރިއަށް އެޅިއްޔާ، ދެކުނު އޭޝިއާގެ ގައުމުތަކަށް އިގުތިސޯދީ ކުރިއެރުން ގެނެސްދިނުމުގެ ނަމުގައި ޗައިނާއިން ދިޔައީ މި ގައުމުތަކުގައި 4 ފިޔަވަޅު ކުރިއަށް އަޅާދެމުންނެވެ. އެންމެ ހާމަކަންބޮޑު ގޮތެއްގައި ޗައިނާއިން އަޅަމުންދިޔަ ފިޔަވަޅުތައް ފެންނަން ހުރީވެސް ދިވެހިރާއްޖެއިންނެވެ. ދެން ސްރީލަންކާއިންނެވެ.
ސްރީލަންކާގެ ވާހަކަ ބަޔާންކުރުމާއެކު، އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާގެ ތަސްވީރު ކުރެހިގެންދެއެވެ. ދިވެހިރާއްޖެއަކީވެސް ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިން ސިއްރާ ފާޅުގައި މިނިވަންކަމާއެކު ހަރަކާތްތެރިވާ ކިއްލާއަކަށް ވިޔަ ނުދިނުމަކީ އިންޑިއާއިން އެދޭނެކަމެކެވެ. އެނޫންކަމަށް ވެއްޖެނަމަ 3 ފަރާތުން އިންޑިއާ ބެދުނީއޭވެސް ބުނެވިދާނެއެވެ. އެހެންކަމުން، ދިވެހިންގެ ދަތުރުފަތުރުގެ މައި މަރުކަޒީ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި އޮތް އިންޑިއާއިން މިކަމަށް ފާރަވެރިނުވެނުދާނެއޭވެސް ދެންނެވޭކަށް ނެތެވެ.
އިނގިރޭސިންގެ އަތުން 1965 ވަނަ އަހަރު ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުފަހުން ވަކި، މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ ބަލައިގަތް ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނުނު އިންޑިއާ އޭރުވެސް އަދި މިހާރުވެސް އޮތީ ދިވެހިރާއްޖޭގެ މަސްރަހު ވަރަށް ގާތުން ބަލާށެވެ. މި މީޒާނުގެ ތެރެއިން ބަދަހިވި ގުޅުމުގެ ތެރެއިން ދެގައުމުގެ ރައްޔިތުން އެއްގައުމު އަނެއް ގައުމާ ދެމެދު ކުރާ ދަތުރުތައް އިތުރުވެ، ވަޒަންވެރިވާ ނިސްބަތް އިތުރުވެ، މި ގުޅުން ވަކީން ބާރަށް ބަނދެވޭ ގޮތްވީއެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ނަން ހުރި ބާރެއްގެ ޝަރަފު އިންޑިއާއަށް އޮތީ ސަރަހައްދީ ފެންވަރުގައި ލީޑަރެއްގެ މަގާމުގައި އޮވެގެންކަމަށްވާއިރު، އެކަން ދެމެހެއްޓެން އޮތީ ޗައިނާގެ ނުފޫޒުގެ މައްޗަށް ގަދަވެގެންނެވެ. އެކަން ކުރެވެން އޮތީ ހިންދުކަނޑުގެ މައި މަގުގައި އޮތް ރާއްޖެވެސް ތަރައްގީގެ ޗާޓަށް ފައްތައިގެންކަމަށްވާއިރު، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުތަކުގެ ލިސްޓުން ޖާގަ ހޯދުމަށް ހަދާ އިމްތިހާނުގައި އިންޑިއާއަށް ދަސްކުރަންޖެހިފައިވާ އެންމެ މުހިންމު ފިލާވަޅަކީވެސް ހިނދުކަނޑުގެ މޫތީތަކުގެ މައްޗަށް އެކުލެވޭ "ދިވެހިގުޅުން" ދެމެހެއްޓުންކަމުގައިވެސް ދެންނެވިދާނެއެވެ.