ގުދުރަތީ ގޮތުން ދުނިޔޭގައި އޮތް އެންމެ އުސް ސަރަހައްދު ކަމުގައިވާ އެވަރެސްޓް ފަރުބަދަ ހިމެނޭ ސަރަހައްދު ސާފުކުރުމަށް ހިންގި ހަރަކާތުގައި، 4 އިންސާނެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ނޭޕާލްގެ ސަރުކާރުން ހާމަކޮށްފިއެވެ.

މި ހަރަކާތުގައި މައުންޓް އެވަރެސްޓް ފަރުބަދައިންނާއި އެ ފަރުބަދައަށް އަރަން ދެވެން އޮންނަ ބޭސް ކޭމްޕު ސަރަހައްދު ސާފުކޮށްފައި ވާއިރު 11 ޓަނުގެ ކުނިވެސް ނަގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރޭގައި 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކުނިބުނި ހިމެނެއެވެ.

ބިމުގެ ސަތަހައިން ފެށިގެން 8850 މީޓަރު އުސް މައުންޓް އެވަރެސްޓަށް އަރާ ފައިބާ ފަރާތްތަކުން ބުނާ ގޮތުގައި ފަރުބަދައަށް އަރާ ފައިބާ ހަދަން އޮންނަ މަގުގައި ގިނަ އަދަދަކަށް ކުނިބުނި ހުރެއެވެ. އޭގެ ތެރޭގައި ބޭނުންކޮށްފައި ހުންނަ އޮކްސިކަން ސިލިންޑަރުތަކާ، ހަލާކުވެފައި ހުންނަ ޓެންޓުގެ ބައިތަކާ، ވާވެލާވެލީގެ އިތުރުން ދަޅާ ފުޅިހިމެނެއެވެ. ހަމަ މިއާއެކު އިންސާނުންގެ ނަޖިސްވެސް ފަރުބަދައިގެ އެކި ހިސާބުތަކުގައި ހުންނަ ކަމުގެ ޝަކުވާވެސް އުފުލާފައިވެއެވެ.

މައުންޓް އެވަރެސްޓަށް އެރުމަށް ދާ ފަރާތްތަކުން ބޮޑު ހޭދައެއްކޮށް، ނޭޕާލަށް ބޮޑު އާމްދަނީއެއް ލިބޭއިރު މިކަންކަން ހައްލުނުކޮށް އޮންނަކަމީ ނޭޕާލްގެ ސަރުކާރުން ލަދުގަންނަންޖެހޭ ކަމެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

ޤުދުރަތީ ގޮތުން ދުނިޔޭގެ އެންމެ އުސް ސަރަހައްދުގެ ގޮތުގައި ބަލަމުން އަންނަ މައުންޓް އެވަރެސްޓް އެންމެ އުހުގައި/ފޮޓޯ: އޭއެފްޕީ

ފަރުބަދަ މައްޗަށް އަޅާ ކުނިބުނީގެ އިތުރުން އެ ފަރުބަދައަށް އަރަން އުޅުމުގެ ތެރޭގައި މަރުވެފައިވާ 300 އެއްހާ މީހުންގެ ހަށިތައް ވެސް އެ ފަރުބަދައަށް ފައިބަމުންދާ ސްނޯގެ ތެރޭގައި ތާށިވެއެވެ. މި ކުނިތަކާ ހަށިތައް ފެނި، ނެގޭ ވަރު ވަނީ ފިނި މޫސުން ނިމި، ގަނޑުފެންތައް ވިރެން ފަށާ ހިސާބުންނެވެ.

މި ފަހަރު ފެނުނު 4 ހަށިގަނޑަކީ ކޮންބައެއްކަން އަދި ހޯދިފައި ނުވާއިރު، އެއީ ކޮން އިރަކު މަރުވި ބައެއް ކަމެއް ވެސް ނޭނގެއެވެ.

މި އަހަރު ފަރުބަދައަށް އަރަން ކަނޑައެޅި ދުވަސްވަރުގެ ތެރެއިން މެއި މަހު އެކަނިވެސް 9 މީހެއްގެ ފުރާނަ ގެއްލިފައިވާ އިރު، މިކަން ހިނގަނީ ފަރުބަދަ މަތި ތޮއްޖެހިގެން އެކަނި ނޫން ކަމަށް ނޭޕާލްގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. މައުންޓް އެވަރެސްޓަށް އެރުމަށް މި އަހަރު ހުއްދަ ދޫކޮށްފައި ވަނީ 381 ފަރާތަކަށް ކަމަށްވާ އިރު، މިއިން ކޮންމެ ހުއްދައެއްގެ އަގަކީ 11 ހާސް ޑޮލަރެވެ.