ބުރިޖު ހައިވޭގައި މަގުގެ ދެފަޅި ވަކި ކުރަން ބަހައްޓާފައި ހުރި ޑިވައިޑަރުތައް ހަލާކުކޮށްލުމަށް ފަހު މީހަކު ފިލައިފިކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މިއަދު ހެނދުނު މިހާދިސާގެ ރިޕޯޓު ލިބިފައި ވާހަކަމާ، ހައިވޭގެ ޑިވައިޑަރުތަކުގެ ބޮޑު ބައެއް ހަލާކުވެފައި ވާހަކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައި ވަނީ މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ވެހިކަލަކުން ޖެހިގެން ކަން އެނގިފައި ވާ ކަމަށާ ނަމަވެސް އެ ވެހިކަލް ފިލާފައި ވާހަކަށެވެ. އަދި އެ ވެހިކަލް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ.

ބުރިޖުގެ ހައިވޭގައި ބަހައްޓާފައި ހުންނަ ޑިވައިޑަރުތަކުގައި ވެހިކަލުން ޖެހި ޑިވައިޑަރުތައް ހަލާކު ވުމާއި، ނުގަވައިދުން އޯވާޓޭކް ކުރުމާއި، އެ ވެހިކަލަކަށް ހާއްސަ ލޭން ނޫން ލޭނުން ދުއްވުން ފަދަ ކަންކަމަކީ ބުރިޖުގައި އާންމު ކަމެކެވެ.

މިކަންކަން ހުއްޓުވުމަށް ބުރިޖުގައި ކެމެރާ ހަރުކުރާ ވާހަކަ ސަރުކާރުން ދައްކާފައި ވީނަމަވެސް އަދިވެސް ކެމެރާ ހަރުކުރުމުގެ އަމަލީ މަސައްކަތް ނުހިނގައެވެ.