އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިތުރު ތިން މަޝްރޫއު ފެށުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނީ، އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން 9.5 މިލިއަން ރުފިޔާ ހަރަދުކުރުމަށް ދިވެހި ސަރުކާރާއި ހަވާލުކޮށް އިތުރު މަޝްރޫއު އެއް ފަށަން ނިންމާފައިވާ ކަމަށެވެ. އެ މިނިސްޓްރީން މިއަދު ނެރުނު ދެ ނޫސްބަޔާނުގައިވާ ގޮތުން، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ، ދެ ރަށެއްގައި އައިސް ޕްލާންޓް އެޅުމަށާއި، ބ ފެހެންދޫގެ ދަރިވަރުން ސްކޫލަށް ދިއުމަށް ބޭނުންވާ ފެރީއެއް ހަމަޖެއްސުމަށެވެ.

ދެ ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ މަޝްރޫއުގެ ދަށުން 25 މެޓްރިކް ޓަނުގެ ދެ އައިސް ޕްލާންޓް މަސްވެރިކަން ކުރާ ފަރާތްތައް ގިނަ ދެ ރަށެއްގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އައިސް ޕްލާންޓުތައް ބެހެއްޓުމުގެ ސަބަބުން އުކާލަންޖެހޭ މަސް މަދުވެ، މަސް ގަންނަ ފަރާތްތަކަށް ވިއްކާ މަހުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށާއި މި ޕްރޮޖެކްޓުގެ ދަށުން އައިސް ޕްލާންޓް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތައް ތަމްރީންކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ރަށުގެ އާބާދީ ކުޑަވުމުގެ ސަބަބުން ކުރީގެ ފެހެންދޫގެ ސްކޫލް ބަންދުކުރުމާ ގުޅިގެން، ފެހެންދޫގެ ކިޔަވާކުދިން ތައުލީމު އުގެނެމުން ދަނީ އެއް ފަޅެއްގައި އޮންނަ ބ ގޮއިދޫ ސްކޫލަށް ކުޑަ ޑިންގީއެއްގައެވެ. މިވަގުތު ކުދިން ދަތުރުކުރަމުންދާ ފެރީ ހަމަޖައްސަވައިފަނީ ކައުންސިލާއި ދަރިވަރުންގެ ބެލެނިވެރިން ގުޅިގެންނެވެ. އެހެންނަމަވެސް މިހާރު ބޭނުންކުރަމުންދާ ޑިންގީ ބާވެ، ހަލާކުވަމުންދިއުމާއެކު ދަރިވަރުންގެ ކިޔެވުމަށް ބުރޫ އަރާފާނެ ކަމަށް ބެލެވެއެވެ. މި ޕްރޮޖެކްޓުގެ ދަށުން މި މައްސަލައަށް ދާއިމީ ހައްލެއް ހޯދި، އެއްވެސް ހުރަހެއް ނެތި ފެހެންދޫގެ ކިޔަވާ ކުދިންނަށް ސްކޫލަށް ދެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މީގެ ކުރިން ވަނީ އަށް ޕްރޮޖެކްޓެއް ފަށާފައެވެ. އެގޮތުން ނ ޅޮހީގައި ހަ ކްލާސްރޫމާއި ރ ކިނޮޅަހުގައި ހަ ކްލާސްރޫމް އެޅުމުގެ ޕްރޮޖެކްޓަށް 1.2 މިލިއަން ރުފިޔާ އަދި ހއ އިހަވަންދޫގެ ހެލްތު ސެންޓަރުގައި އިމަޖެންސީ މެޑިކަލް ހިދުމަތް ދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ޕްރޮޖެކްޓަށް 8.7 މިލިއަން ރުފިޔާ ދީފައިވެއެވެ. އަދި ދ ވާނީގައި ހުންނަ ފުލުހުން ތަމްރީނު ކުރުމަށް ހާއްސަކޮށްފައިވާ ޓްރެއިނިން ސްކޫލަށް އިންޑިއާ ސަރުކާރުން 7 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވާއިރު އއ އުކުޅަހުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް އިންޑިއާ ސަރުކާރުން 7.8 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ 61 ރަށެއްގައި ބެހެއްޓުމަށް އައުޓްޑޯ ފިޓްނަސް އިކްއިޕްމަންޓް ގަތުމަށް އިންޑިއާއިން އަށް މިލިއަން ޑޮލަރު ދީފައިވާއިރު، ހޮސްޕިޓަލުތަކުގައާ ހެލްތު ސެންޓަރުތަކުގައި ބޭނުންކުރުމަށް 11 އެމްބިއުލާންސް ގަތުމަށް އިންޑިއާ އިން ދީފައި ވަނީ 7.7 މިލިއަން ޑޮލަރުގެ އިތުރުން، އައްޑޫ ސިޓީގެ ހުޅުދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހަބިލިޓޭޝަން ސެންޓަރެއް އެޅުމަށް އިންޑިއާ އިން ހަ މިލިއަން ޑޮލަރު ދީފައިވެއެވެ.

100 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އިންޑިއާއިން އެއްބަސްވީ މި އަހަރުގެ މާޗް މަހު 17 އަދި 18 ވަނަ ދުވަހު، އިންޑިއާގެ ފޮރިން މިނިސްޓަރު، ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.