ސޫދާންގެ ވެރިރަށް ޚާރުތޫމްގައި މުޒާހަރާ ކުރަމުންދާ މީހުންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވަކަމަށް އެ ގައުމުގެ ދިފާއީ ވުޒާރާއިން ނިންމުމާއެކު، މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް އެގައުމުގެ އަސްކަރިއްޔާއިން ބަޑީގެ ހަމަލާތައް ދޭން ފަށައިފިއެވެ.

މުޒާހަރާގެ ބައިވެރިންނާ ގުޅިފައިވާ ސެންޓްރަލް ކޮމިޓީ އޮފް ސޫދާނީޒް ޑޮކްޓާޒް މެޑިކަލް ގުރޫޕުން ބުނީ މިއަދު ހެނދުނުގެ ހަމަނުޖެހުންތަކުގައި 2 މީހެއްގެ ފުރާނަ ގެއްލި، ގިނަ ބަޔަކު ޒަހަމްވެފައިވާކަމަށެވެ. އެ ގުރޫޕުން ބުނީ މުޒާހަރާ ރޫޅާލުމުގެ ނަމުގައި އަސްކަރިއްޔާއިން ކުރިއަށް ގެންދާ ރެއިޑް އަދިވެސް ކުރިއަށްދާކަމަށެވެ.

އެންމެ ފަހުން ލިބެމުންދާ މައުލޫމާތަށް ބަލާއިރު ސަލާމަތީ ބާރުތަކުން ވަނީ ވެރިރަށް ޚާރުތޫމްގެ މައި ހޮސްޕިޓަލަކަށްވެސް ވަދެގަނެފައެވެ. އަސްކަރިއްޔާއިން މިކަން ކުރަނީ އަދިވެސް ބާރު އޮތީ އެބައިމީހުންގެ އަތުގައިކަން އާންމުންނަށް އެންގުމުގެ ގޮތުން ކަމަށް މުރާސިލުން ސިފަކުރާއިރު، މިކަން ކުރަނީ މަރުވި މީހުން އަސްލުވެސް ތިބީ މަރުވެފައިތޯ ކަށަވަރުކުރުމަށް ކަމަށް ބުނެ މަސްއޫލުވެރިން ދަނީ އަސްކަރިއްޔާގެ މި އަމަލާ މެދު ސުވާލު އުފައްދަމުންނެވެ.

ސޫދާންގެ ޓްރާންސިޝަނަލް ސަރުކާރުގެ ގޮތުގައި ވެރިން ކުރަމުން އަންނަ ސޫދާނީޒް ޕްރޮފެޝަނަލްސް އެސޯސިއޭޝަން (އެސް.ޕީ.އޭ)އިން ވަނީ މުޒާހަރާގެ ބައިވެރިން ދުރައްޖައްސާ، މުޒާހަރާ ރޫޅާލުމަށްޓަކައި އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ފައުޖުތައް ނެރެފައެވެ.

މަންޒަރު ދުށް މީހުން ބުނީ ބަރު ހަތިޔާރާއިއެކު އަސްކަރިއްޔާއިން އާންމު ރައްޔިތުންނާ ކުރިމަތިލިއިރު އާންމުން ތިބީ ސުލްހަވެރިކަމާއެކު މަގުމަތީގައި އިށީނދެލައިގެން ކަމަށެވެ. އިތުރު މީހަކު ބުނީ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް ދޭން ފަށާފައިވަނީވެސް، މުޒަހަރާކުރަމުންދިޔަ ސަރަހައްދު ދޫކޮށް ދެވެން އޮންނަ މަގުތައް ބަންދުކުރުމަށްފަހުގައި ކަމަށެވެ. މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް އަސްކަރިއްޔާއިން ބަރު ހަތިޔާރު ބޭނުންކޮށްގެން ހަމަލާ ދެމުންދިޔައީ ވަކި މީހަކަށް ބެލުމެއް ނެތި ކަމަށްވެސް އެސަރަހައްދުގައި ހުރި މީހަކު ވަނި މީޑިއާއަށް ކިޔައިދީފައެވެ.