އޭޝްލީ އެލާރިންގެ ގެއަށް ދިޔައީ "ޑޭޓަކަށް" ކަމަށާ، ފަހަރެއްގައިވެސް އެގޭ ތެރޭގައި އޭނާ މަރާލާފައި އޮތްކަން އޭރު ނޭނގޭ ކަމަށް އެމެރިކާގެ މަޝްހޫރު އެކްޓާ އޭޝްޓަން ކުޗާ ބުނެފިއެވެ.

އެމެރިކާގެ ލޮސް އެންޖަލީސްގެ ކޯޓެއްގައި ކުރިއަށްދިޔަ ސަރިޔަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުން އޭޝްޓަން ކުޗާ ބުނީ، 2001 ވަނަ އަހަރު ހިނގި އެ ހާދިސާގައި އޭނާ އޭޝްލީގެ ގެއަށް ގޮސް ދޮރުގައި ޓަކިޖެހުމުން އެތެރެއިން ޚަބަރެއް ނުވުމުން ކުޑަދޮރުން އެތެރެ ބެލީ ކަމަށާ، ބަލާލި ބެލުމުން ބިންމަތީގައި ރަލުގެ އަސަރު ހުރިހެން ހީވިކަމަށެވެ.

ނަމަވެސް އުމުރުން 22 އަހަރުގެ އޭޝްލީ މަރާލާފައި އޮތްކަން އެނގުނު ހިސާބުން ހަދާނެ ގޮތް ހުސްވެ، ހާސްވާން ފެށި ކަމަށް އޭޝްޓަން ކުޗަން ވަނީ ކޯޓުގައި ބަޔާން ދެމުން ކިޔައިދީފައެވެ.

އޭޝްލީ މަރާލާފައި އޮތްކަން އެނގުނީ ޖެހިގެން އައި ދުވަހުއެވެ. އެކަން އެންމެ ފުރަތަމަ އެނގުނީވެސް އޭޝްލީއާއި އެއްގެއެއްގައި އުޅެމުންދިޔަ އިތުރު ކުއްޖަކަށެވެ.

އޭޝްޓަން ކުޗާ ކިއާދީފައިވާ ގޮތުގައި، ފެޝަންގެ ރޮނގުން ތައުލީމު ހާސިލުކުރަމުންދިޔަ އޭޝްލީއަށް އޭނާ ގުޅާފައިވަނީ މަރާލި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ކޯލަކީ ޑޭޓު ސެޓުކުރުމަށް ކުރި ކޯލެއް ކަމަށްވެސް އޭޝްޓަން ކުޗާ ވަނީ ކިއާދީފައެވެ.

"ދޭޓް ސެވަންޓީޒް ޝޯ" އަދި "ޓޫ އެންޑް އަ ހާފް މެން" ފަދަ ސީރީޒްތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި އޭޝްޓަން ކުޗާ އިތުރަށް ކިޔާދިން ގޮތުގައި އޭޝްލީގެ ގެއަށް ގޮސް އެގޭ ދޮރުގައި އޭނާ ޓަކިދިނީ ޑޭޓު ސެޓްކުރިތަނަށް އޭނާ ގެންދިއުމަށް ބަލާ ގޮސްފައެވެ.

އޭޝްޓަން ކުޗާ ބުނީ އެރޭ ފަހުންވެސް އޭޝްލީއަށް ގުޅަން މަސައްކަތްކުރި ކަމަށާ، ނަމަވެސް ގުޅޭ ގޮތް ނުވި ކަމަށެވެ. އެއީ މީގެ 18 އަހަރު ކުރި ކަމަށާ، މި ޒަމާނުގެ ހާ މޯބައިލް ފޯނުގެ ޚިދުމަތްވެސް ރަނގަޅު ޒަމާނެއް ނޫންކަމުން، ފޯނުގެ ރޭންޖު މައްސަލައެއް އުޅެނީކަމަށް ނިންމީ ކަމަށްވެސް އޭޝްޓަން ކުޗާ ވަނީ ކިއާދީފައެވެ.

"ހޮލީވުޑް ރިޕާ"ގެ ވަނަމުން ނަންދީފައިވާ ގާތިލު މައިކަލް ގަރްގިއޫލޯ ވަނީ 3 އަންހެނަކު މަރާލުމަށްފަހު އިތުރު މީހަކު މަރަން މަސައްކަތްކޮށްފައި ކަމަށް ޕްރޮސެކިއުޓަރުން ބުނޭ/ފޮޓޯ: ގެޓީއިމޭޖަޒް

ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި އޭޝްލީ އެލާރިން މަރާލާފައިވަނީ "ހޮލީވުޑް ރިޕާ"ގެ ވަނަމުން ނަންދީފައިވާ ގާތިލު މައިކަލް ގަރްގިއޫލޯއެވެ. އޭޝްލީ އެލާރިންގެ އިތުރުން އެހެން 2 މީހެއްގެ މަރުގެ މައްސަލާގައިވެސް ގަރްގިއޫލޯގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

ބުނެވޭ ގޮތުގައި "ހޮލީވުޑް ރިޕާ"އަކީ ޖިންސީ ގޯނާތަކާއެކު މީހުން މަރާ މީހެކެވެ. ޕްރޮސެކިއުޓަރުން ތަފްސީލުކޮށްދިން ގޮތުގައި އޭނާ އޭޝްލީގެ ގެއަށް ވަދެ، އޭނާ މަރާލުމުގެ ކުރިން 47 ފަހަރު ތޫނު އެއްޗަކުން އޭޝްލީގެ ހަށިގަނޑަށް ހަމަލާދީ، އޭނާއަށް ގުޑިނުލެވޭ ވަރުކުރިއެވެ.