2016 ވަނަ އަހަރުގެ ބަޣާވާތާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކޮށް ޖަލަށް ލާފައިވާ މައްސަލައާއި ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ ބައެއްގެ ފާޑުކިއުންތަކެއް އަމާޒުވެފައިވާ ތުރުކީވިލާތުގެ ޝަރުއީ ނިޒާމަށް އިންގިލާބީ އިސްލާހީ ބަދަލުތަކެއް ގެންނަވާނެ ކަން އެ ގައުމުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން ހާމަކުރައްވައިފިއެވެ.

އުރުދުޣާން މިކަން ހާމަކުރައްވާފައި މިވަނީ ދަނޑިވަޅަކީ، ވިލާތުގެ އިއްތިހާދުގެ މެމްބަރަކަށްވުމަށް ތުރުކިވިލާތުން ޝައުގުވެރިކަން ފާޅުކުރުމާ ގުޅިގެން ތުރުކިވިލާތަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް، ވިލާތުގެ އިއްތިހާދުން ވަރުގަދަ ރިޕޯޓެއް އާންމުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ގާނޫނީ އިމުގެ ތެރެއިން ވެރިކަން ހިންގުމަށާ، އިންސާނީ ހައްގުތަކާ ގުޅުންހުރި ކަންކަމުގައި ތުރުކީވިލާތުން ދަނީ ހައްތަހާވެސް ފަހަތަށް ކަމަށް ވިލާތުގެ އިއްތިހާދުގެ ރިޕޯޓްގައިވަނީ ތުހުމަތުކޮށްފައެވެ.

ވިލާތުގެ މެމްބަރަކަށްވުމަށް އަދިވެސް ތުރުކީވިލާތުން ފައިވިއްދާފައި ވަނިކޮށް، ޓީވީ މެދުވެރިކޮށް ދުރަށްފޮނުވި ތަގުރީރެއްގައި އުރުދުޣާން ވިދާޅުވީ، އެގައުމަށް އިސްލާހީ ބަދަލުތަކެއް ގެންނަނީ ވިލާތުގެ އިއްތިހާދުން ބުނެގެން ނޫންކަމަށާ، ނަމަވެސް އެކަންކަމަކީ ގައުމެއްގެ ހައިސިއްތުން ތުރުކީވިލާތަށް ބޭނުންވެފައިވާ އިސްލާހުތަކަކަށްވުމުން ކަމަށެވެ.

2016 ވަނަ އަހަރުގެ ނާކާމިޔާބު ބަޣާވާތާ ގުޅުންހުރި އެކި މައްސަލަތަކުގައި 77000 އަށްވުރެ ގިނަ މީހުން ޖަލަށްލާފައިވާއިރު، ބަޣާވާތް ރޭވުމުގައި އިސްކޮށް ހުރިކަމަށް އުރުދުޣާން ތުހުމަތުކުރައްވާ ފަތުހުއްﷲ ގޫލޭންއާއި ގުޅުން އޮތްކަމުގެ ތުހުމަތުގައި 150000 އަށްވުރެ ގިނަ މީހުންވަނީ އެމީހުން އަދާކުރަމުންދިޔަ ވަޒީފާތަކުން ވަކިކޮށްފައެވެ. މި ބަޣާވާތުގައި ބައިވެރިވިކަމަށް ގޫލެން އިންކާރުކުރާއިރު، މި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 250އަށް އަރައެވެ.