ބޮޑު ތަފާތަކުން 17 ވަނަ އާންމު މަޖިލިސް އިންތިހާބުގައި ކުރި ހޯދައިގެން ވެރިކަމުގެ ދެވަނަ ދައުރެއް ވިދިވިދިގެން ދެވަނަ ފަހަރަށް ކަށަވަރުކުރި ބީޖޭޕީގެ އާ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާ ވަޒީރުންގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެމްބަރުން، މަގާމުގެ ހުވާކުރައްވާފައިވާއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔައީ ބީޖޭޕީގެ ރައީސް ކަމުގައި ހުންނެވި އަމީތު ޝާހުއަށެވެ.

އުމުރުފުޅުން 54 އަހަރުގެ އަމީތު ޝާހް ސިޔާސީ ހަރަކާތަކަށް އެންމެ ފުރަތަމަވެސް ނިކުންނެވީ ވޯޓުލާ މަރުކަޒެއްގެ އިސްވެރިއެއްގެ ގޮތުގައެވެ. އެއަށްފަހު މުޅި ދުނިޔޭގެވެސް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމުގައިވާ ބާރްތިޔާ ޖަނާތާ ޕާޓީގެ ލީޑަރުގެ މަގާމުންނެއެއެވެ. އަށްފަހު މިއަދު އަމީތު ޝާހު ފެނިގެން މިދަނީ ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރެއް ކަށަވަރުކުރައްވާ، މަގާމުގެ ހުވާކުރައްވާފައިވާ ނަރޭންދްރާ މޯދީގެ އާ ސަރުކާރުންނެވެ.

ސިޔާސީ މުރާސިލުން ސިފަކުރާ ގޮތުގައި ފާއިތުވީ 14 އަހަރެއްހާ ދުވަސް ގުޖުރާތުގައި ހޭދަކުރައްވާފައިވާ އަމީތު ޝާހުއަކީ މޯދީ އެންމެ އިތުބާރުކުރައްވާ "ލެފްޓިނެންޓް"އެވެ. ގާނޫނީ ކޯޅުންގަނޑެއްގައިވެސް ބައްދާލެވުނު އަމީތު ޝާހު، ހުރިހާ ދައުވާއަކުން މިނިވަންވެވަޑައިގަތީ 2012ގެ ފަހުންނެވެ. އެއަށްފަހު، ސީދާ ގޮތުން ސިޔާސީ ހަރަކާތްތަކަށް ނިކުންނަވަން ފެއްޓެވީ 2013 ވަނަ އަހަރުއެވެ. ބީޖޭޕީގެ ޖެނެރަލް ސެކްރެޓަރީގެ ގޮތުގައި މަސައްކަތްކުރައްވަމުން ގޮސް، 2014 ވަނަ އަހަރުގެ އާންމު އިންތިހާބަށްފަހު ވަޑައިގެންނެވީ ސީދާ ރިޔާސަތަށެވެ.

ބީޖޭޕީގެ ރިޔާސަތުގައި ހުންނަވައިގެން އަމީތު ވަނީ އެ ޕާޓީއަށް ގިނަ ގޮނޑިތަކެއް ހޯއްދަވާދެއްވާފައެވެ. އަމީތު ހޯއްދަވާ ދެއްވާ ގޮނޑޮކޮޅުތަކަކީ އިދިކޮޅު މެމްބަރުންނާ ފަރަގު ބޮޑު ނަތީޖާއަކުން ކަށަވަރުކުރައްވާ ގޮނޑކޮޅުތަކަކަށްވިއެވެ.

މޯދީގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެމްބަރުން، މަގާމުގެ ހުވާ ކުރެއްވި ނަމަވެސް އެ ބޭފުޅުން ހަމަޖެއްސިގެން ދަނީ ކޮންކޮން ވުޒާރާތަކަކަށްކަން އަދި ކަށަވަރުވާ ގޮތެއް ނުވެއެވެ. މީޑިއާގައި ދައުރުވަމުންދާ ޚަބަރުތަކަށް ބަލާއިރު، އަމީތު ޝާހުއާއި ހަވާލުކުރެއްވޭނެ ކަމަށް އެންމެ ބޮޑަށް ބުރަވެވެނީ މާލީ ވުޒާރާގެ ވަޒީރުކަމުގެ މަގާމެވެ.

ސިޔާސީ މައިދާނުން ބޭރުން ބަލާއިރު އަމީތު ޝާހުއަކީ ރާޒުވާ ކުޅުއްވުމަށާ ތިއޭޓާ ޑްރާމާ ބެއްލެވުމަށް ޝައުގުވެރިކަން ހުންނަ ބޭފުޅެކެވެ. އަދި ފަރަންޖީ ބަސްތައް ދަސްކުރެއްވުމަށް އިންތިހާއަށް ބޭނުންފުޅުވާ ބޭފުޅެއްވެސްމެއެވެ.