އިސްލާމީ އުއްމަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދޭދޭ ގައުމުތަކުގެ ދެމެދުގައި އޮންނަ އެއްބާރުން އިތުރުކޮށް، ތަޖުރިބާ ހިއްސާކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އިސްލާމިކް ސަމިޓް ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އިސްލާމީ ގައުމުތަކުގެ ދެމެދުގައި އޮންނަ ގުޅުން ދެމެހެއްޓެނީ ގައުމުތަކުގެ ދެމެދުގައި އޮންނަ ޒަމާންވީ ރަހުމަތްތެރިކަމާއި، މަޝްވަރާކުރުމުގެ އުސޫލަށް އިހުތިރާމްކުރުމުގެ ސަބަބުންކަމަށެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ މިނިވަން ދައުލަތެއް ގާއިމްކުރުމަށާއި ސުލްހަވެރި ދިރިއުޅުމެއް އުޅުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްގަށް ދިވެހިރާއްޖެއިން ކުރާ ތާއީދު އަނެއްކާ ވެސް ތަކުރާރު ކުރައްވައި، ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކުރައްވާފައެވެ. މީގެ އިތުރުންވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަނިޔާ ތަހައްމަލު ކުރަމުންދާ މުސްލިމުންނާއެކު ދިވެހިން ތިބިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކައިގައި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ދުނިޔޭގެ ގައުމުތަކުގެ ވެރިންނަށް ގޮވާލައްވައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ނުރައްކާ ކުރިމަތިވެފައިވާ މިންވަރު ފާހަގަކުރެއްވިއެވެ.

ސައުދިއަރިބިޔާގެ މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 14 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެމްބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި އޯއައިސީ މެމްބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުން ވަނީ 14 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސްގެ އެޖެންޑާ ފާސްކޮށްފައެވެ. މީގެ އިތުރުން ސަމިޓްގެ ފައިނަލް ކޮމިއުނިކޭ ކަމަށްވާ މައްކާ ޑެކްލަރޭޝަންއާއި، ސީނިއާ އޮފިޝަލްސް މީޓީން ގައި މަސައްކަތް ފެށުނު ފަލަސްތީނުގެ މައްސަލައިގެ ގަރާރުގެ ޑްރާފްޓާ މެދު މަޝްވަރާކުރެވުނެވެ. މި ގަރާރު ފާސްކުރާނީ އޯއައިސީ ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ އިސްލާމިކް ސަމިޓް ކޮންފަރެންސްގައެވެ. ދިވެހިރާއްޖެއިން ވަނީ މައްކާ ޑެކްލަރޭޝަނާއި ފަލަސްތީން މައްސަލައިގެ ގަރާރަށް ތާއިދުކުރާކަން ހާމަކޮށް، ދެ ޑޮކިއުމަންޓްވެސް ހުރިހާ ގައުމެއްގެ އިއްތިފާގުން ފާސްކުރުމަށް ގޮވާލާފައެވެ.

14 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސް އޮންނާނީ މާދަމާ ސައުދިއަރަބިއްޔާގެ މައްކާގައެވެ.