މިޔަންމާގެ ރާކީން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް 2017 ވަނަ އަހަރު ލާއިންސާނީ އަނިޔާދީ ހަނގުރާމައިގެ ޖަރީމާ ހިންގަމުންދިޔަ އަސްކަރިއްޔާގެ ޔުނިޓުތަކުން އަނެއްކާވެސް އެކަން ތަކުރާރު ކުރަމުން ދާކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނެފިއެވެ.
އެމްނެސްޓީއިން ބުނީ މިޔަންމާގެ އަސްކަރިއްޔާއިން މިފަހަރު ޖަރީމާ ހިންގަމުން ދަނީ ރާކީން ސްޓޭޓްގައި ހަރަކާތްތެރި ވަމުންދާ ކަމަށް ބުނާ ހަނގުރާމަވެރިންތަކަކާ ދެކޮޅަށް ހިންގާ ހަރަކާތެއްގެ ގޮތުގައި ކަމަށެވެ.
ހަނގުރާމައިގެ ޖާރީމާ ހިންގި މައްސަލާގައި ބައިނަލްއަގުވާމީ ރާޑަރަށް މިޔަންމާ އެރިތާ 2 އަހަރެއްހާ ދުވަސް ފަހުން އަނެއްކާވެސް މިވަނީ، ރާކީން ސްޓޭޓްގައި ދިރިއުޅޭ އެކި ނަސްލުތަކުގެ މީހުންނަށް އަމާޒުކޮށްގެން މިޔަންމާގެ އަސްކަރިއްޔާއިން ޖަރީމާ ހިންގަން ފަށާފައި ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އެމްނެސްޓީގެ ރީޖަނަލް ޑައިރެކްޓާ ނިކޮލަސް ބެގެލިން ވިދާޅުވީ، އަސްކަރިއްޔާގެ މިފަހަރުގެ އަމަލުތައް ހުރީ ޖަވާބުދާރީ ވެވޭ ފަދަ ގޮތަކަށް ނޫންކަމަށާ، މިހާރު އަމަލުތައް ހިންގަމުންދަނީ މައާފަށް އެދެވޭ ފަދަ ގޮތަކަށްވެސް ނޫންކަމަށެވެ. ބެގެލިން އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް އަސްކަރިއްޔާއިން ހިންގަމުންދާ އަމަލުތަކަކީ އިސްލާހުކޮށްފައިވާ އަމަލުތަކެއް ނޫންކަމަށާ، މި އަމަލުތަކަކީ އަސްކަރިއްޔާއިން ގަސްތުގައި މި ގޮތަށް ހިންގާ އަމަލުތަކެއް ކަމަށެވެ.
މިޔަންމާއިން ރަށްވެހިކަން ދިނުމަށް އިންކާރުކޮށް އަސްކަރިއްޔާއިން ހިންގަމުންދިޔަ ޖަރީމާތަކުގެ ސަބަބުން، ރޯހިންޏާ ދަރިކޮޅުގެ 730000 އަށްވުރެ ގިނަ މީހުން މިހާރުވެސް ދިރިއުޅެމުންދަނީ ރެފިއުޖީންގެ ގޮތުގައި، ބަންގްލަދެޝްގައެވެ.