"އެލާޑިން"ގެ ޖާދޫ އަދިވެސް ހަމަ އެހާ ފުރިހަމަ ކަމަށް 1992 ވަނަ އަހަރުގެ މަޝްހޫރު ޑިޒްނީ ކާޓޫން "އެލާޑިން"ގެ ލައިވް އެކްޝަން ރީމޭކް ބަލަން ދިޔަ ފަރާތްތަކުން ބުނަމުން އެބަދެއެވެ.

ގައި ރިޗީގެ ކާޓޫން ފިލްމް "އެލާޑިން"ގެ ލައިވް އެކްޝަން ރީމޭކް، ސިނަމާތަކުގައި އަޅުފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އޭގެ ފަހުން ފާއިތުވި ތިން ހަތަރު ދުވަހަކަށް ބަލާއިރު އުތުރު އެމެރިކާއިން އެކަނިވެސް މި ފިލްމު ވަނީ 86 މިލިއަން ޑޮލަރު ހޯދާފައެވެ. މިއީ އެމެރިކާއަށް ދިގު ހަފުތާ ބަންދަކަށް ވާއިރު، ޗުއްޓީ ނިމޭއިރު އެމެރިކާއިންވެސް 105 މިލިއަން ޑޮލަރު ހޯދާނެ ކަމަށް ލަފާކުރެވެއެވެ.

1992 ވަނަ އަހަރުގެ މަޝްހޫރު ޑިޒްނީ ކާޓޫން "އެލާޑިން"ގެ ލައިވް އެކްޝަން ރީމޭކް ފިލްމުގެ މަންޒަރެއް/ފޮޓޯ: ޑިޖިޓަލް ސްޕައި

"އެލާޑިން" ލައިވް އެކްޝަން ރީމޭކް ފިލްމުގައި "ޖީނީ"ގެ ރޯލުން އަދާކޮށްދީފައިވަނީ ހޮލީވުޑްގެ މަޝްހޫރު ފަންނުވެރިޔާ ވިލް ސްމިތްއެވެ. ކާޓޫނުގައި "ޖީނީ"އަށް އަޑުއަޅާދީފައިވަނީ މިހާރު މިދުނިޔެއާއި ވަކިވެފައިވާ ރޮބިން ވިލިއަމްސްއެވެ.

ލައިވް އެކްޝަން ފިލްމުގައި އެލާޑިންގެ ރޯލު އަދާކޮށްފައިވަނީ މިސްރަށް އުފަން ކެނެޑާގެ އެކްޓަރު މީނާ މައްސޫދުކަމަށްވާއިރު، ޖޭސްމިންގެ ރޯލު އަދާކޮށްފައިވަނީ ނެއޯމީ ސްކޮޓްއެވެ.

1992 ވަނަ އަހަރުގެ މަޝްހޫރު ޑިޒްނީ ކާޓޫން "އެލާޑިން"ގެ ލައިވް އެކްޝަން ރީމޭކް ފިލްމުގެ މަންޒަރެއް/ފޮޓޯ: ޑިޖިޓަލް ސްޕައި

އެލާޑިން ކާޓޫންގެ ލަވަ "އަ ހޯލް ނިއު ވާލްޑް"އަކީ މިހާރުވެސް މިއުޒިކީ ގިނަ ޗާޓުތަކަކުން ޖާގަ ހޯދަމުންދާ، 'އަބަދަށްފެހި' ލަވައެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ ލަވައެކެވެ.