މުދާ އުފުލާ ޒާތުގެ ގޮތްނޭނގޭ (ކާގޯ) މަތިންދާ ބޯޓުތަކެއް، ލީބިޔާގެ ސަރުކާރު ވައްޓާލުމަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ ކުރީގެ އަސްކަރި ޖެނެރަލް ޚަލީފާ ހަފުތާރު ކޮންޓްރޯލް ކުރަމުންދާ "އަސްކަރީ" ބޭސްތައް ހުރި ސަރަހައްދުގައި އުދުހެމުންދާކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

މެދުއިރުމަތީގެ ޚަބަރުތައް ބައިނަލްއަގުވާމީ ދުނިޔެއަށް ތިލަކޮށްދިނުމުގައި އެންމެ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވަމުންދާ އަލްޖަޒީރާއިން ހިންގި ތަހުގީގަކާ ހަވާލާދީ އެ އިދާރާއިން ބުނީ ޚަލީފާ ހަފުތާރުގެ ބޭސްތަކަށް ޖައްސާ (ކާގޯ) މަތިންދާ ބޯޓުތަކުން ކޮންމެވެސް އެއްޗެއްވެސް އެ ބޭސްތަކަށް ބަލާކަމަށެވެ.

ލިބިފައިވާ ސެޓެލައިޓް ފޮޓޯތަކާ، ފްލައިޓް ޑޭޓާއަށް ރިއާޔަތްކޮށް އަލްޖަޒީރާއިން ބުނީ އުދުހެމުންދަނީ ރަޝިޔާގައި އުފައްދާފައިވާ އިލްޔޫޝާން-76 މަރުކާގެ 2 ބޯޓެއް ކަމަށާ، މި ބޯޓުތަކަކީ އެކުވެރި އަރަބި އިމާރާތް (ޔޫ.އޭ.އީ)އާއި ކަޒަގިސްތާނުގެ ގުޅިފައިވާ ކުންފުންޏެއް ކަމަށްވާ 'ރީމް ޓްރެވެލް' ގެ ނަމުގައި ދަފުތަރުކޮށްފައިވާ ބޯޓުތަކެއް ކަމަށެވެ.

ޖެނެރަލް ހަފުތާރުގެ ލީބިއަން ނޭޝަނަލް އާމީ (އެލް.އެން.އޭ)އިން ކޮންޓްރޯލް ކުރަމުންދާ ބޭސްތަކަށް މި ބޯޓުތައް ޖެއްސުމުގެ ކުރިން، މިސްރު، އިސްރާއީލު އަދި އުރުދުންއާއި ދެމެދު ދަތުރުތަކެއް ކޮށްފައިވާކަމަށެވެ އަލްޖަޒީރާއިންވަނީ ރިޕޯޓްކޮށްފައެވެ.

މި ބޯޓުތައް ލީބިޔާގެ ވައިގެ ސަރަހައްދުގައި އުދުހިފައިވަނީ ފްލައިޓް ޓްރެކް ކުރުމަށް އެހީވެދޭ 'ފްލައިޓް ރެސްޕޯންޑާޒް'ވެސް ނިއްވާލައިގެން ކަމަށް އަލްޖަޒީރާއިން ބުނެއެވެ.

ލީބިޔާގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރަމުންދާ ކުރީގެ އަސްކަރީ ޖެނެރަލް ޚަލީފާ ހަފުތާރުގެ އަސްކަރީ ބޭހަށް، ގޮތްނޭނގޭ މަތިންދާބޯޓަކުން ބަލާފައިވާ "މުދާ" ފޮށިގަނޑުތަކެއް/ފޮޓޯ: ޔޫޓިއުބް ސްކްރީންގްރޭބް

މިދަނޑިވަޅަކީ ނުރައްކާތެރި ފައްތަރެއްގައި އޮތް ލީބިޔާއަށް އަސްކަރީ ހަތިޔާރު ނުވިއްކުމަށް އދއިން ގޮވާލާފައިވާ ދަނޑިވަޅެކެވެ.

ކަންމިހެން އޮތްއިރު ޚަލީފާ ހަފުތާރުގެ ބާރުތަކުން ވަނީ، މި މަތިންދާ ބޯޓުތަކުން ބޭލި ލަކުޑި ފޮށިތަކެއް ފެންނަ މަންޒަރުތަކެއް އާންމުކޮށްފައެވެ. ހިސާބުގެ އަކުރުގެ ހަތަރު އަދަދު ހިމެނޭ ކޯޑެއްގެ ކުރިއަށް އިނގިރޭސި އަކުރުން "އެފްއެފް" ޕްރިންޓުކޮށްފައިވާ ލަކުޑި ފޮށިތަކުން ފޮއްޓެއްގެ ބަރުދަނުގައި 64 ކިލޯގްރާމް ހުންނަ ކަމަށްވެސް މިމަންޒަރުތަކުން ފެނެއެވެ.

އެތައް އަހަރަކަށް ދިގުލާ ގޮސްފައިވާ ހަމަނުޖެހުންތަކެއް ހިންގަމުންދާ ލީބިޔާގެ މަސްރަހަށް ބަލާއިރު މިހާރު ވެސް ދަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންކަން ފާހަގަކުރަންޖެހެއެވެ. ހޯމަ ދުވަހުވެސް ވަރުގަދަ ހަމަނުޖެހުންތަކެއް ހިންގާފައިވާއިރު މި ހަމަނުޖެހުންތައް ހިންގާފައިވަނީ ވެރިރަށް ތުރާބުލުސްއާއި ކައިރިން، ވައިގެ ބަނދަރަށް ދެވެން އޮންނަ ސަރަހައްދުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއެކު ލީބިޔާގައި ބަދަލުކުރި ހަމަލާތައް ކޮންމެވެސް ވަރަކަށް މަޑުޖެހުނު ނަމަވެސް، މިދިޔަ ދެތިން ދުވަހަކު ހަމަލާތައް އަނެއްކާވެސް ވަރުގަދަ ވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ޖެނެރަލް ހަފުތާރު ވަނީ، އދއިން ބަލައިގެންފައިވާ ލީބިޔާގެ ސަރުކާރު (ޖީއެންއޭ)ގެ އެންމެ މެމްބަރަކުވެސް އެގައުމުގެ ކޮންޓްރޯލްގައި ހުއްޓާ، ދޫނުދޭކަމަށް ބުނެފައެވެ.

ލީބިޔާގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރަމުންދާ ކުރީގެ އަސްކަރީ ޖެނެރަލް ޚަލީފާ ހަފުތާރުގެ ބާރުތަކާ ދެކޮޅަށް ޖީއެންއޭ ސަރުކާރުގެ ފައުޖުގެ މެމްބަރަކު ހަމަލާދެނީ/ފޮޓޯ: ރޮއިޓާޒް

ވެރިރަށް ތުރާބުލުސްގެ ކޮންޓްރޯލް އަތުލުމަށް ޖެނެރަލް ހަފުތާރު މިއަހަރުގެ އޭޕްރިލް މަހު ވަރުގަދަ އޮޕަރޭޝަނެއް ފެށިފަހުން މިހާތަނަށް، މި ހަމަނުޖެހުންތަކުގައި 562 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ވަނީ ރެކޯޑްކުރެވިފައެވެ. މީގެ ތެރޭގައި އާންމު ރައްޔިތުންގެ 40 މީހަކުވެސް ހިމެނޭއިރު، ދިރިތިބި އެތައް ހާސް ބަޔަކު ވަނީ އަމިއްލަ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.