ގުދުރަތީ ގޮތުން ދުނިޔޭގެ އެންމެ އުސް ސަރަހައްދުގެ ގޮތުގައި ބަލަމުން އަންނަ މައުންޓް އެވަރެސްޓަށް އަރާފައިބާ ހެދުމުގެ ތެރޭގައި މިފަހަކަށް އައިސް ގިނަ އަދަދެއްގެ ބަޔަކު މަރުވަމުންދާ ހަމައެކަނި ސަބަބަކީ، އެ ފަރުބަދައަށް އަރަން ދާ މީހުންގެ އަދަދު ގިނަވެ، ތޮއްޖެހިގެން ކަމުގައި ބުނެވެން ނެތްކަމަށް ނޭޕާލްގެ ފަތުރުވެރިކަމާ ބެހޭ އިދަރާއިން ބުނެފިއެވެ.

ނޭޕާލްގެ ފަތުރުވެރިކަމާ ބެހޭ އިދާރާގެ ޑައިރެކްޓާ ޖެނެރަލް ދާންދޫ ރާޖު ގިމީރޭ ވިދާޅުވީ، އެހެން ސަބަބުތަކުގެ ތެރޭގައި، ފަރުބަދަމަތީ ސަރަހައްދުގެ އާދަޔާ ހިލާފު މޫސުންވެސް ހިމެނޭ ކަމަށެވެ.

ނޭޕާލްއިން މިފަދަ މޭރުމަކުން ވާހަކަދައްކާފައި މިވަނީ، އެވަރެސްޓް ހިމެނޭ ސަރަހައްދުގައި ދިގު ސަފުތައް ހަދާފައިވާ މަންޒަރުތައް ފެންނަ ފޮޓޯތައް ދައުރުވަމުން ދިއުމާ، މިފަހަކަށް އައިސް ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވަނީ މާ ގިނަ އަދަދަށް މީހުން ފަރުބަދައަށް އަރުވަމުންދާތީކަމަށް ބުނެ ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ ބަހުސްތަކަށް ރައްދު ދެމުންނެވެ.

ޓިބެޓާ ވީ ފަޅިންވެސް މި ފަރުބަދައަށް އެރެން އޮންނައިރު، ފަރުބަދައަށް އަރާފައިބަން އުޅުމުގެ ތެރޭގައި މިމޫސުމުގައި އެކަނިވެސް 10 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އެވަރެސްޓް ހިމެނޭ ހިމާލަޔާސް ފަރުބަދަ ބަރި ހިމެނޭ ސަރަހައްދަށް އަރާފައިބަން އުޅުމުގެ ތެރޭގައި، މިމޫސުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 18 އަށް އަރާފައެވެ.

މިލިސްޓަށް އެންމެ ފަހުން އިތުރުވެފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ރޮބިން ފިޝާ،44،އެވެ. ހޮނިހިރުދުވަހު އޭނާ މަރުވީ، މައުންޓް އެވަރެސްޓްގެ އެންމެ އުސް ސަރަހައްދާ ހިސާބަށް އެރުނުތާ މާ ގިނައިރުތަކެއް ނުވަނީހެވެ. މިދިޔަ ހުކުރު ދުވަހު އަޔަލަންޑްގެ މީހަކު މަރުވިއިރު އެމީހާ މަރުވީ ފަރުބަދައިގެ އެންމެ އުސް ސަރަހައްދު ކައިރިއަށް ވެއްޓިގެން ކަމަށް ޚަބަރު ލިބެއެވެ.