ތޯލިބާން ހަނގުރާމަވެރިންނާ ދެކޮޅަށް އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ހިންގަމުންދާ ވަރުގަދަ ރެއިޑްގައި އާންމުންގެ 6 މީހަކު މަރާލައިފިއެވެ.

އޮޅިގެން ދެވުނު ކަމަށް ބުނާ މި ހަމަލާގައި މަރުވި އާންމުންގެ ތެރޭގައި އަންހެނަކާ، 2 ކުޑަކުދިންވެސް ހިމެނޭ ކަމަށް ޕްރޮވިންޝަލް އޮފިޝަލުން މައުލޫމާތު ދެއެވެ.

އަފްޣާނިސްތާނުގެ ޝަރްޒާދު ޑިސްޓްރިކްޓަށް އަމާޒުކޮށް އެގައުމުގެ ސަލާމަތީ ބާރުތަކުން ހަފުތާ ބަންދާ ދިމާކޮށް ދިން ހަމަލާތަކުގައި ހަނގުރާމަވެރިންގެ 10 މީހަކުވެސް މަރުވެފައިވާކަމަށް ޕްރޮވިންޝަލް ގަވަރުނަރުގެ ތަރުޖަމާނު އަތާއުއްލާ ހުގުޔާނީ ވަނީ ވިދާޅުވެފައެވެ.

ހުގުޔާނީ ވިދާޅުވީ އާންމުންގެ މީހުން މަރުވެފައިވަނީ، ތޯލިބާނުންނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ހިންގި ވަރުގަދަ ރެއިޑަށްފަހު އާންމުންގެ މީހުން ވެހިކަލެއްގައި އެސަރަހައްދު ދޫކޮށް ދާން މަސައްކަތްކުރި ވަގުތު، އެއީ ފިލަންދާ ތޯލިބާން ހަނގުރާމަވެރިން ކަމަށް ހީކޮށް ސަލާމަތީ ބާރުތަކުން ހަމަލާ ދިނުމުގެ ސަބަބުން ކަމަށެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އދގެ އެހީދޭ މިޝަން (އުނަމާ)އިން ބުނީ ހިނގަމުން މިދާ ބަރަކާތްތެރި ރަމަޟާން މަހުވެސް އާންމުންނަށް އަމާޒުވާ މިފަދަ ހަމަލާތަކާ ގުޅިގެން އިންތިހާއަށް ކަންބޮޑުވާކަމަށާ، އާންމުންގެ މީހުންގެ ފުރާނައަށް ނުރައްކާވާފަދަ އަމަލުތަކަށް ސަމާލުވުމަށް ހުރިހާ ފަރާތްތަކަށް ގޮވާލާކަމަށެވެ.

ތޯލިބާނުންގެ އިތުރުން، ހައްދުފަހަނައަޅާފައިވާ ހަރުކަށިފިކުރުގެ އައިސިސް ހަނގުރާމަވެރިންވެސް އަފްޣާނިސްތާނުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.