ދުނިޔޭގެ އެންމެ އުސް ޤުދުރަތީ މަންޒިލްގެ ގޮތުގައި ފާހަގަކޮށްފައިވާ އެވަރެސްޓް ފަރުބަދައަށް އަރަން އުޅުމުގެ ތެރޭގައި އަނެއްކާވެސް އިތުރު މީހަކު މަރުވެ، ނޭޕާލްގެ ހިމާލަޔާސް ފަރުބަދަމަތީ ސަރަހައްދަށް މި މޫސުމުގައި އަރަން އުޅުމުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 18އަށް އަރައިފިއެވެ.

އެންމެ ފަހުން މަރުވެފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އޮފިޝަލުން ބުނާ ގޮތުގައި މިހާ ގިނަ އަދަދަކަށް މީހުން މަރުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ހަށިގަނޑުން ވަރުދެރަވުމާ، އާދަޔާ ހިލާފަށް ވަރުބަލިވުމުގެ އިތުރުން ބިމުގެ ސަތަހައަށްވުރެ 8850 މީޓަރު މަތީގައި އޮންނަ ފަރުބަދައިގެ އެންމެ އުސް ސަރަހައްދަށް ދެވެން އޮންނަ މަގުގައި މީހުން ގިނަވުމުގެ ސަބަބުން އެސަރަހައްދު ތޮއްޖެހި، ފަރުބަދަ މަތީގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމުންނެވެ.

ޤުދުރަތީ ގޮތުން ދުނިޔޭގެ އެންމެ އުސް ސަރަހައްދުގެ ގޮތުގައި ބަލަމުން އަންނަ މައުންޓް އެވަރެސްޓް އެންމެ އުހުގައި/ފޮޓޯ: އޭއެފްޕީ

އެންމެ ފަހުން މަރުވި އިނގިރޭސިވިލާތުގެ މީހާ މަރުވީ ފަރުބަދައިން ފައިބަން ކަނޑައަޅާފައިވާ މަގުގައި އޮންނަ "ޑެތް ޒޯން"ގެ ނަމުން ނަންދެވިފައިވާ ސަރަހައްދުގައި ހުއްޓައެވެ. އޭނާވެސް މަރުވީ، ފަރުބަދައިން ފޭބޭނެ ވަރަށް ހަށިގަނޑުގައި ވަރުނެތި، ވަރުދެރަވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

"ޑެތް ޒޯން"ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކީ، އިންސާނުން ނޭވާލުމަށް ބޭނުންވާ އޮކްސިޖަންގެ މާއްދާ އިންތިހާއަށް ދަށް ހިސާބެކެވެ.

އޮފިޝަލުން ބުނީ އިނގިރޭސިވިލާތުގެ މީހާއަށް އޮކްސިޖަންފުޅިއާއި ފެންވެސް ފޯރުކޮށްދެވުނު ކަމަށާ، ނަމަވެސް އޭނާގެ ފުރާނަ ސަލާމަތް ނުކުރެވުނީކަމަށެވެ.

މައުންޓް އެވަރެސްޓަށް އަރާ މިމޫސުމުގައި އަރާ މީހުންގެ އަދަދު އިތުރުވެ، އެސަރަހައްދު ތޮއްޖެހޭ ކަމުގެ ޝަކުވާތައް ދަނީ އިތުރުވަމުން/ފޮޓޯ: އޭއެފްޕީ ޕްރޮޖެކްޓް ޕޮސިބަލް

ދުނިޔޭގެ އެންމެ އުސް ފަރުބަދައަށް އަރާ މީހުން ސްޕޮންސާ ކޮށްދެމުންދާ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ މެޑިސަން މައުންޓަނީއަރިންގްގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ބުނީ، މައުންޓް އެވަރެސްޓަށް އަރަންދާ ގިނަ މީހުންނަކީ އެކަމަށް ކުފޫ ހަމަވާ ބައެއް ނޫންކަމަށާ، ގިނަ މީހުންނަކީ އެވަރުގެ ބޮޑު ކަމަކަށް ވާންޖެހޭ މިންވަރަށް ތައްޔާރުވެސް ނުވެ ދާ މީހުންކަމަށެވެ. އަދި ގިނަ މީހުން ފަރުބަދައަށް އަރަން ދަނީ، ފަރުބަދައަށް އެރުމަށާ ފޭބުމަށް ބޭނުންވާ ފަންނީ އަދި ސަލާމަތީ އެހީތެރިކަން ހޯދުމަކާ ނުލާ ކަންވެސް އޮފިޝަލު ވަނީ ފާހަގަކޮށްފައެވެ.

ނޭޕާލްގެ އިތުރުން ޓިބެޓާ ވީ ފަޅިންވެސް މިމޫސުމުގައި މައުންޓް އެވަރެސްޓަށް އަރާއިރު، އެސަރަހައްދުންވެސް ބައެއް މީހުން މަރުވެގެން ވަނީ ރިޕޯޓްކޮށްފައެވެ.