އިނގިރޭސިވިލާތް ޔޫރަޕް އިއްތިހާދުން ވަކިވުމުގެ މައްސަލައިގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއާއި، ގޮސް ހުސްވެވަޑައިގަތުމުގެ ސަބަބުން އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމައިފިއެވެ.

ދެންމެ ދެއްވި ބަޔާނެއްގައި މޭ ވިދާޅުވީ ޖޫން މަހުގެ 07 ވަނަ ދުވަހު އެކަމަނާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އަދި ޕާޓީގެ ލީޑަރު ކަމަށް އާބެފުޅަކު އިންތިހާބު ކުރެވެންދެން މަގާމުގައި ހުންނަވާނެ ކަމަށް މޭ ވިދާޅުވިއެވެ.

އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވާ މޭ ވިދާޅުވީ އިނގިރޭސިވިލާތް ޔޫރަޕް އިއްތިހާދުން ވަކިވާން ކުރެއްވެން ހުރި ހުރިހާ މަސައްކަތަކެއް ކުރެއްވި، ނަމަވެސް ހައްލެއް ނުލިބުމުން މިއީ މަގާމުން ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ވަގުތު ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ. މެއި ވިދާޅުވީ ބްރެކްޒިޓްގެ މައްސަލައިގައި އޭނާއަށް ވެވުނު އެންމެ ރަނގަޅަށް އެ މަސައްކަތް ކުރިކަމަށެވެ.

"ތިން ފަހަރު އަޅުގަނޑު މަސައްކަތްކުރިން ޑީލަކަށް ދެވޭތޯ. އެހެން ނަަމަވެސް އަޅުގަނޑަށް އެކަމުގައި ވީ ނާކާމިޔާބު. އެކަމާ ހިތާމަ ކުރައްވަން"
އިސްތިއުފާ އިއުލާން ކުރައްވަން ދެއްވި ބަޔާނުގައި މޭ ވިދާޅުވިއެވެ.

މެއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރީ 2016 ވަނަ އަހަރު އިނގިރޭސިވިލާތް އީޔޫ އިން ވަކިވާން ރައްޔިތުން ނިންމުމުންނެވެ.