ޖިންސީ އަޅުންގެ ގޮތުގައި ކުޑަކުދިން ގަނެވިއްކުމުގެ މުޑުދާރު އަމަލު ހިންގަމުންދިޔަ ބައިނަލްއަގުވާމީ ފެންވަރުގެ ނެޓްވާކެއް އިންޓަޕޮލްއިން އަތުލައިގެންފިއެވެ.

އިންޓަޕޮލްއިން މި ނެޓްވާކު އަތުލައިގަތުމަށްފަހު، 50 ކުޑަކުއްކު ވަނީ މިހާތަނަށް ސަލާމަތްކޮށްފައެވެ.

މިމައްސަލައާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް 9 މީހަކު ގެންގޮސްފައިވާކަމަށްވެސް ޚަބަރު ލިބެއެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ އެމެރިކާއާއި އޮސްޓްރޭލިއާގެ އިތުރުން ތައިލޭންޑުން ކަމަށްވާއިރު، އަދިވެސް އިތުރު ހިސާބުތަކުން މީހުން ހައްޔަރުކުރެވޭނެ ކަމަށް ބެލެވޭ ކަމަށް އިންޓަޕޮލްއިންވަނީ ބުނެފައެވެ.

އާންމު ނެޓްވާކުތަކަށް ފޮރުވައިގެން ހިންގާ "ޑާކްވެބް"އަށް އަމާޒުކޮށްގެން އިންޓަޕޮލް އިން 2017 ވަނަ އަހަރު ފެށި ތަހުގީގުގެ މަސައްކަތްކަތުން މި ނެޓްވާކު މިހާރު އަތުލައިގަނެވިފައިވާއިރު، މިކަމެއް ހިންގި ސައިޓް ބޭނުންކުރާ 63000 އެކައުންޓެއް ދުނިޔޭގެ އެކި ހިސާބުތަކުން ފާހަގަކުރެވިފައިވާކަމަށް ޚަބަރު ލިބެއެވެ.

އިންޓަޕޮލްއިން ބުނީ މި ސައިޓްގެ ޝިކާރައަކަށްވެފައިވާ އިތުރު 100 އެއްހާ ކުދިން އަދިވެސް ތިބޭނެ ކަމަށް ލަފާކުރެވޭ ކަމަށާ، އެކުދިން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ.

"އޮޕަރޭޝަން ޑާކްރިސްޓް" ގެ ނަމުގައި އިންޓަޕޮލް އިން ފެށި ތަހުގީގު ތެރެއިން، މި ނެޓްވާކުގެ އައިޕީ އެޑްރެސްތައް ދެނެގަތީ އެމެރިކާގެ ހޯމްލަންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް ޔުނިޓުން ކަމަށް މައުލޫމާތު ލިބެއެވެ.

އިންޓަޕޮލް އިން ބުނީ ކޮންމެ ހަފުތާއަކުވެސް މިނެޓްވާކާ ގުޅިފައިވާ ސައިޓުން ކުދިންގެ މަންޒަރުތައް އާންމު ކުރާ ކަމަށާ، ނަމަވެސް ތަހުގީގު ކުރާ ފަރާތްތަކަށް އޮޅުވާލުމުގެ މަގުސަދުގައި ބައެއް ފަހަރު ކުދިންގެ މޫނު ފޮރުވާފައިވާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން ފުރަތަމަ ހައްޔަރު ކުރި މީހުންގެ ތެރޭގައި ސައިޓްގެ މެއިން އެޑްމިނިސްޓްރޭޓާގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ތައިލޭންޑްގެ މީހާ ހިމެނެއެވެ. އޭނާއަށް ބޮޑުބެއާ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ތައިލޭންޑްގެ ކޯޓަކުން 146 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާފައެވެ. މިކަމުގައި އޭނާއަށް އެހީތެރިވެދީފައިވަނީ ޕްރީސްކޫލް ޓީޗަރެކެވެ. އެމީހާގެ މައްޗަށް އިއްވާފައިވަނީ 36 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އޮސްޓްރޭލިއާއިން ހައްޔަރުކޮށްފައިވަނީވެސް ސައިޓް އެޑްމިނިސްޓްރޭޓަރެކެވެ. އޭނާގެ މައްޗަށް 40 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އޭނާ ވަނީ ތުއްތު ފިރިހެން ކުދިންނާ ކުޑަ ފިރިހެން ކުދިންނާ ގުޅުންހުރި 51 ދައުވާއަކަށް އިއުތިރާފުވެފައެވެ.